މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރާނީ ކައިރި ކައިރީގައި ތިބެގެން: މިނިސްޓަރު

ކޯވިޑް-19 އާއި ގުޅިގެން ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި އޮތުމަށް ފަހު މިއަދު އަލުން ފަށާއިރު މިސްކިތުގައި ނަމާދަށް ސަފު ހަދާނީ އެކަކު އަނެކަކު ކައިރީގައި ތިބެގެން ކަމަށް އިސްލާމިކް މިނިސްޓަ...

22 May 2020 | 07:07

ކޯވިޑް-19 އާއި ގުޅިގެން ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި އޮތުމަށް ފަހު މިއަދު އަލުން ފަށާއިރު މިސްކިތުގައި ނަމާދަށް ސަފު ހަދާނީ އެކަކު އަނެކަކު ކައިރީގައި ތިބެގެން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެކޭ އެއްގޮތަށް މުސްލިމް ގިނަ ހުރިހާ ގައުމުތަކެއްގައިހެން ވަނީ ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި އެވެ. އެކަމަކު ރައްޔިތުންގެ ފިއްތުންތަކާއި އެކު މިސްކިތުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރަން ހުއްދަ ދިން ގައުމުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގެ ސަފު ހަދާފައި ހުންނަނީ އެކަކު އަނެކަކު ތިން ފޫޓު ދުރުމިން ބަހައްޓައިގެންނެވެ.

މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ އެގޮތަށް ދުރުދުރުގައި ތިބެގެން ނަމާދު ކުރުމުން އެކުރެވެނީ ޖަމާއަތުގައި ނޫން ކަމަށެވެ. ޖަމާއަތުގައި ނަމާދު ކުރުމަކީ ކައިރީގައި ޖެހި ޖެހިގެން ވަކި ތަރުތީބަކުން ތިބެ ކުރާ ނަމާދެވެ.

އޭނާ ވިދާޅުވީ ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަދޭ މިސްކިތްތައް ދެން ބަންދުކޮށްފައި ނުހުންނާނެ ކަމަށެވެ. ހުރިހާ ވަގުތެއްގައިވެސް މިސްކިތްތައް ހުންނާނީ ހުޅުވާލާފައި ކަމަށް ވިދާޅުވި އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޯވިޑާއި ގުޅިގެން ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި އޮތުމަށް ފަހު މިއަދު ހުކުރު ނަމާދާއި އެކު އާންމު ހާލަތުގައި އޮތް ރަށްރަށުގައި ޖަމާއަތުގައި ނަމާދު ނަމާދު ކުރަން ފަށާނެ އެވެ. މިނިސްޓަރު ވިދާޅުވީ ސިއްހީ މާހިރުންގެ ލަފާ އާއި އެއްގޮތަށް ޖަމާއަތުގައި މިސްކިތްތަކުގައި ނަމާދު ކުރަން ފަށާނީ ވަކި ކަންތައްތަކަކަށް އަމަލު ކުރުމާއި އެކު ކަމަށެވެ.

ޖަމާއަތުގައި ނަމާދު ކުރާއިރު އަޅާފައި ހުންނަން ޖެހޭ ފިޔަވަޅުތައް:

އުމުރުން ދުވަސްވީ މީހުން މިސްކިތަށް ޖަމާއަތަށް ނަމާދަށް ނުދިއުން،

ރޯގާ އާއި ހުމުގެ އަސަރު ހުންނަ މީހުން މިސްކިތުގެ ޖަމާއަތަށް ނުދިއުން

މިސްކިތަށް ނަމާދަށް ދާއިރު ގެއިން މުސައްލައެއް ގެންދިއުން

ގެއިން ވުޟޫކޮށްގެން ދިއުން

އަނގަ އާއި ނޭފަތް ފޮރުވޭ ގޮތަށް މާސްކު އަޅައިގެން ދިއުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް