ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ތޫފާން އަމްޕަންއާއި ގުޅިގެން، ތޫފާނުގެ އަސަރުކޮށްފައިވާ ބަންގްލަދޭޝްއާއި އިންޑިއާއަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ހަމްދަރުދީގެ މެސެޖްތައް މިނިސްޓަރ ޝާހިދު ފޮނުއްވާފައިވަނީ ވަކިވަކިން، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ އޭ.ކޭ އަބްދުލް މޮމެން އާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރަށެވެ.
އިންޑިއާގެ އިރުމައްޗާއި، ބަންގްލަދޭޝްގެ އައްސޭރިފަށަށް ތޫފާން އަމްޕަން އެރުމާ ގުޅިގެން އެސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން މިނިސްޓަރ ޝާހިދު ފޮނުއްވި ހަމްދަރުދީގެ މެސެޖްގައި، މި ތޫފާނުގައި ބައެއް މީހުންގެ ފުރާނަ ގެއްލި، ބައެއް އަވަށްތައް އެއްކޮށް ސުންނާފަތިވެ އަދި ގިނަ އަދަދެއްގެ ބައެއްގެ ގެދޮރު ގެއްލުނު ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައިކަމަށް ވިދާޅުވިއެވެ. އަދި ތޫފާނުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ދެޤައުމުގެ ސަރުކާރުން ކުރައްވާ މަސައްކަތް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. އަދި ވަކިން ޚާއްސަކޮށް މި ދުވަސްވަރަކީ ކޯވިޑް-19 އާ ދެކޮޅަށް މުޅި ދުނިޔެއާއި އަދި އެ ދެޤައުމުންވެސް ހަނގުރާމަކުރަމުންދާ ދުވަސްވަރެއްކަމުން، ތޫފާނުގެ ސަބަބުން އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ކާރިސާތަކުން އަރައިގަތުމަށް ސަރަހައްދުގެ ޤައުމުތަކާ ގުޅިގެން ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދު ވަނީ އަރުވާފައެވެ.
މިނިސްޓަރ ޝާހިދު ވަނީ ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި ބަންގްލަދޭޝްއާއި އިންޑިއާގެ ސަރުކާރަށް ޙަމްދަރުދީއާއި ތައުޒިޔާ ދަންނަވާކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް