ސަލްޓަންޕާކުގައި ތަރައްގީކޮށްފައިވާ ވިންޓާ ތީމް ޕާކު ހިންގައި ބަލަހައްޓަން ހަވާލުކޮށްފައިވާ ފަރާތް ގެއްލިގެން ހޯދަން އިއުލާނުކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވިންޓާ ތިމް ޕާކު ހުޅުވާފައިވަނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަަނަ ދުވަހު އެވެ. ޓޫރިޒަމް ދާއިރާގެ ސީއެސްއާރުން ހަރަދުކޮށްގެން ތަރައްގީ ކުރި އެ ޕާކު ހިންގި އިރު ގިނަ ބައެއް ތަރުހީބު ލިބިފަ ވެއެވެ.
މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވިންޓާ ތީމް ޕާކު ހިންގައި ބަލަހައްޓަން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ހަވާލުކޮށްފައިވާ ކުންފުނިން އެތަން އޮޕަރޭޓް ކުރަމުން ނުދާ ކަމަށެވެ. އެ ޕާކު ހިންގަން ހިންގަން ހަވާލުކޮށްފައިވަނީ ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑާއި އެވެ.
އިއުލާނުގައި ބުނެފައިވަނީ އެ ކުންފުންޏަށް އަންގަންޖެހޭ އެންގުންތައް ފޮނުވުމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެޑްރެހުގައި އެ ކުންފުނީގެ އޮފީހެއް ނެތް ކަމަށެވެ. އަދި އެ ކުންފުނީގެ އޮފީސް ހިންގާ އިމާރާތާއި ގުޅޭ މައުލޫމާތު ލިބިފައި ނުވާ ކަމަށް ބުނެފަވެ އެވެ.
އެ ކުންފުންޏާ އެކު މުއާމަލާތް ކުރުމަށް ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކުންފުނީގެ ފަރާތުން އެއްވެސް މީހަކާ މުއާމަލާތް ކުރެވޭނެ ގޮތެއް ގޮތް ވެފައި ނުވާ ކަމަށެވެ.
ސިޓީ ކައުުންސިލުގެ އިއުލާނުގައި ވަނީ ވިންޓާ ތީމް ޕާކް ހިންގައި ބެލެހެއްޓުމަށް އެއްބަސްވުމުގައި ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވާ ފަރާތް ނުވަތަ އެކުންފުނީގެ ޑިރެކްޓަރުންގެ ތެރޭގައި ހިމެނޭ ބޭފުޅަކު މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލަށް ހާޒިރުވުމަށް އަންގާފަ އެވެ.
އެ މުއްދަތުގެ ތެރޭގައި ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްވެސް މީހަކު މާލޭ ސިޓީ ކައުންސިލަށް ހާޒިރުނުވެއްޖެނަމަ، ވިންޓާ ތީމް ޕާކު ހިންގައި ބެލެހެއްޓުމަށް އެ ކުންފުންޏާއެކު އެކު ވެފައިވާ އެއްބަސްވުން ބާތިލް ކުރާނެ ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް