ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތައް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން އަންނަ އާދިއްތަ ދުވަހު އަލުން ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓ ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
މިހާތަނަށް ގުރު ނަގާފައިވަނީ ފްލެޓު ލިބުނު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީގެ އެވެ. އެ ކެޓަގަރީން ފްލެޓު ލިބުނު އެންމެންނަށް ދޫކޮށްފައިވަނީ ހުރިހާ ޓަވަރުތަކެއްގެ އެންމެ ތިރީ ފަންގިފިލާއިންނެވެ.
އެޗްޑީސީން މިރޭ ބުނީ ދެ ހަފްތާގެ މެދުކެނޑުމަކަށް ފަހު އާދިއްތަ ދުވަހު އިތުރު ހަ ކެޓަގީއެއްގެ ގުރު ނަގަން ފަށާނެ ކަމަށެވެ. ގުރުނެގުން ކުރިޔަށް ގެންދާނީ ފްލެޓު ލިބޭކަމަށް ސަރުކާރުން ކަނޑައަޅާ، އެޗްޑީސީ އާ ހަވާލުކޮށްފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައިޑީކާޑު ނަންބަރު ތަރުތީބުން ކަމަށް އެޗްޑީސީ އިން ބުންޏެވެ.
އާދިއްތަ ދުވަހު ގުރުނަގަން ފަށަން ހަމަޖެހިފައިވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ (H4) ކެޓަގަރީ، ޓީޗަރުންނަށް ހާއްސަ (H5) ކެޓަގަރީ، އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ (H6) އަދި މާލޭ ރަށްވެހިންނަށް ހާއްސަ (H8) ކެޓަގަރީއެވެ. މީގެ އިތުރުން ކައިވެނިކޮށްގެން އުޅޭ އުމުރުން 18 އަހަރާ 41 އަހަރާ ދެމެދުގެ މީހުންނަށް ހާއްސަ (H7) ކެޓަގަރީ އާއި މާލެދަފްތަރު (H9) އަދި ސިވިލް ސާވިސް މުވައްޒަފުްނަށް ހާއްސަ ކެޓަގަރީގެ ކުރުއަތުނެގުން ކުރިއަށް ގެންދާނެ އެވެ.
އެޗްޑީސީން ބުނީ ގުރުއަތު ނެގުން އޮންނާނީ ސަރުކާރު ރަސްމީ ދުވަސްތަކުގައި ދެ ދަންފަޅި އަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ދަންފަޅި ހެނދުނު ނުވަޔަކުން މެންދުރު 12 އަށް އަދި ދެވަނަ ދަންފަޅި މެންދުރު އެކަކުން ތިނަކަށް ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.
ކޮންމެ ދުވަހަކުވެސް ގުރުއަތު ނަގާނީ ކަނޑައެޅިފައިވާ ވަކި އަދަދަކަށް ކަމަށާއި ގުރުއަތު ނެގުމުގެ އެއް ދުވަސްކުރިން ޖެހިގެން އަންނަ ދުވަހު ގުރުއަތު ނަގާނެ ކެޓަގަރީތައް އާންމު ކުރާނެ ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ. ގުރުއަތު ނެގުން ކުރިއަށްދާގޮތް ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޔޭސް ޓީވީ އިން ވަގުތުން ދައްކާނެ އެވެ.
ގުުރުއަތު ނަގާއިރު ނެގުނު ފްލެޓައި ފްލޯ އަދި ޓަވަރު އެނގޭނެހެން ޓީވީ ސްކްރީނުން ފެންނާނެ ކަމަށާއި ފްލެޓު ލިބޭ ފަރާތުން ހިއްސާކޮށްފައިވާ މޮބައިލް ނަންބަރަށްވެސް އެ މައުލޫމާތު ހިމެނޭ އެސްއެމްއެސް އެއް ފޮނުވާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.
ފްލެޓު ލިބޭ ފަރާތްތައް ގުރުއަތުން ނެގުމަށްފަހު ތަޅުދަނޑި ހަވާލު ކުރުމާއި އެގްރިމެންތުގައި ސޮއިކުރުމުގެ ކަންތައް ކުރިއަށްގެންދާނެ ދުވަހެއް ފަހުން އަންގާނެ ކަމަށް އެޗްްޑީސީ އިން ބުންޏެވެ. އޭގެ ފަހުން އެތަންތަނަށް ވަނުމަށް ކުރަންޖެހޭ ކަންތައް ކުރަން ތިން މަސް ދޭނެ އެވެ. އެ މުއްދަތުގައި ކުލި ދައްކަން ނުޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ޑައުންޕޭމަންޓު ނުދައްކާ ފަރާތްތަކުން މަހު ކުލީގެ ގޮތުގައި ހިޔާ ފްލެޓުތަކަށް ގިނަވެގެން ދައްކަން ޖެހޭނީ 7،500 ރުފިޔާ ކަމަށެވެ. އަދި ޑައުން ޕޭމަންޓު ދެއްކުމަށް ފަހު ފްލެޓަށް ވަންނަ ނަމަ އެއަށްވުރެ ކުލި ކުޑަވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް