''އެހެން ވާންވީ ކީއްވެ............'' އިމްރާނު ސުވާލުކުރިއެވެ. ޒާރާގެ އަތާއި ހަށިގަނޑަށް އަންނަ ހަރަކާތްތަކުގެ އިތުރުން ޒާރާގެ މޫނަށް ވެރިވަމުންދާ ކުލަވަރުން، އިމްރާނަށް ލިބެމުން ދިޔަ މެސެޖް އޭނާއަށް ފަހުމުވާ ކަހަލައެވެ.
ޒާރާގެ ހިތް ހުއްޓުނު ކަހަލައެވެ. ސިކުނޑި އައްސި ވިހެން ހީވިއެވެ. ހަށިގަނޑުން ވާގި ދޫވާކަމުގެ އިހްސާސް ކުރެވުނެވެ. ލޮލުން ކަރުނަ ހިލުނީ އެގޮތް އޭނާ ބޭނުން ވެގެން ނޫނެވެ.
'ޒާރާ .......... އަހަރެން ބޭނުން ޖަވާބެއް............'' އެއިންގޮތަށް އިނދެ އިމްރާނު ވާހަކަދެއްކިއެވެ. ހަދާނެ ގޮތް ހުސްވެ، ހަތަރު އުދަރެސް ފެނު ޖެހުނުހެން ޒާރާއަށް ހީވިއެވެ. ނޭވާ ހާސްވެ ގެނބެމުންދާ ކަމުގެ އިހްސާސް ޒާރާއަށް ކުރެވުނެވެ. އެންމެފަހުން އެ ބިރުވެރި ވަގުތު ޖެހުނީއެވެ.
''ޒާރާ.......... އަހަރެން މިވާހަކަ ދައްކަނީ ޒާރާއާ.......... ސުވާލު ތަކުރާރު ކުރާކަށް އަހަރެން ބޭނުމެއް ނޫން...........'' މިފަހަރު އިމްރާނުގެ އަޑުގައިވަނީ ހަރުކަށިކަމެވެ. ޒާރާއަށް ބަލާލެވުނީ އިމްރާނުގެ މޫނަށެވެ. ލޮލުން ފައިބައިގަންނަން ތައްޔާރުވެފައި ހުރި ކަރުނަތައް އެވަގުތު އޭގެ ޖާގަ ދޫކޮއް ދެ ކޯތާފަތްމަތިން ތިރިއަށް ދެމިގަތެވެ.
ކަރުނައިގެ ތެރެއިން އިމްރާނުގެ މޫނަށް ބަލަން އިން އިރު ޒާރާއަށް ކުރެވެމުން ދިޔައީ މީގެ ކުރިން ދުވަހަކުވެސް ނުކުރެވޭފަދަ އިހްސާސެކެވެ. ހިތާ ސިނކުޑީގައި ވަނީ ހައިޖާނެއް އުފެދިފައެވެ. އޭނާގެ ހިތަށް ތަދުވަމުން ދިޔައެވެ. މިއީ ޒާރާއަށް އެންމެ ފަހުން އިމްރާނާ އެކު ހޭދަކޮއްލެވޭނެ ރޭކަމުގައި ވެދާނެއޭ ހިތަށް އަރާވަރުން ކެތް ކުރަން ދަތިވަނީއެވެ.
ޒާރާގެ ލޮލުން ކަރުނަ ފައިބަމުން ދިޔަނަމަވެސް އޭނާ އިނީ ހަމަހިމޭނުންނެވެ. ބައިންދާފައި އިން ބުދެއް ފަދައެވެ. ތުންފަތް މަޑުމަޑުން ތުރުތުރު އެޅުން ފިޔަވާ އެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތެވެ.
ޒާރާގެ މިހާލަތު ފެނިފައި އިމްރާނުގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ދެރަވިއެވެ. ހިތުގައި ޖެހުނެވެ. ޒާރާގެ ލޮލުން އެންމެ ކަރުނަތިއްކެއް ވެއްޓޭތަން ދެކެން ބޭނުން ނުވާއިރު އެފަދައިން ރުއިމުން އިމްރާނުގެ ހިތަށްވެސް ވަމުންދާ ތަދު ކުޑައެއް ނޫނެވެ. އެހެން ނަމަވެސް މިހާލަތުގައި އޭނާއަށް އޮތީ އެކަމަށް ކެތް ކުރުން ކަމުގައި އޭނާއަށް ގަބޫލު ކުރެވުނެވެ.
''ޒާރާ.......... ޖަވާބު ދީބަލަ............... އަހަރެނަށް މިހާރު ޔަގީން ވެއްޖެ ކޮންމެވެސް ކަމެއް ވެއްޖެކަން.......... އެކަމަށް ތިކަރުނަ ހެކިދޭ............ ޒާރާ ތިވަރަށް ރޯންޖެހޭނެ އެއްވެސް ކަމެއް ހަމަގައިމުވެސް އަހަރެން ނުކުރަން............ ތި ކަރުނައިގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު އެނގެން އަހަރެން އަހަރެން ބޭނުން...............'' އިމްރާން ވާހަކަދެއްކީ މަޑުމައިތިރި ކަމާއެކުގައެވެ. އެހެނަސް އެ އަޑުގައިވަނީ ހިތް ހަމަ ނުޖެހުމުގެ އަސަރުތަކެވެ. ރާގުގައި ކޮންމެ ވެސް ވަރެއްގެ ހަރުކަށިކަމެއް އެކުލެވިފައި ވެއެވެ.
އިމްރާނުގެ ޖުމްލަތައް ވިހަގަދަ ހަންޖަރުތަކެއް ފަދައިން ޒާރާގެ މޭ ފޫއަޅުވާލުމަށްފަހު ހިތާހަމައަށް ވާސިލް ވެއްޖެއެވެ. ކަރުނައިން ފުރިފައިވާ ދެލޯ މަރާލުމާއެކު ގިސްލާ ރޮއި ގަނެވުނެވެ. މިއަދު އިމްރާނު ކުރިމަތީގައި އޭނާގެ އެއްވެސް އަގެއް ނެތް ކަމުގައި ގަބޫލުކުރެވި ހިތް ކުދިކުދި ވެއްޖެއެވެ.
ޒާރާގެ ގިސްލުމުގެ އަޑު އިމްރާނަށް އިވޭ ހެނެއް ހިޔެއް ނުވެއެވެ. އިމްރާނުގެ ހިތުގައި ޒާރާގެ މައްޗަށް އޮތް ލޯބި ފޮހެވުނީ ބާވައެވެ. ނުވަތަ އެ ލޯބީގެ މައްޗަށް ނަފުރަތުގެ ހިޔަނި އެޅުނީ ބާވައެވެ. ޒާރާއާ ދިމާއަށް އިމްރާނު ބަލާވެސް ނުލައެވެ. މިފަދަ ޚިޔާލުތަކެއް ހިތުތެރޭގައި ހިނގައިގަތުމާއެކު ޒާރާއަށް ރޮއެ ގަނެވުނެވެ. ބާރަށެވެ. އިންގޮތަށް އިނދެފައި އިމްރާނުގެ ދެފައިތިލަ މައްޗަށް ޒާރާ ވެއްޓިގަތެވެ. އިމްރާނުގެ ދެފައިފައި ހިފަހައްޓައިގެން އޮވެ އަޑުން އަޑުނަގާ ރޯންފެށިއެވެ.
ޒާރާގެ މި ހަރަކާރުގެ ސަބަބުން އިމްރާނުގެ ހިތަކަށް ކެތެއް ނުވިއެވެ. ކިތަންމެ ހިތްވަރު ކުރަން ބޭނުން ވިޔަސް ކުރެވެމުން ދިޔަ އިހްސާސް ތަކުގެ މައްޗަކަށް ބާރެއް ނުފޯރުވުނެވެ. އިމްރާނުގެ ދެފައިތިލަ މަތީގައި މޫނު ފޮރުވައިގެން އޮވެ ރޮމުން ދިޔަ ޒާރާގެ ބުރަކަށީގައި ފިރުމާލެވުނީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ.
އިމްރާނުގެ އެ ހަރަކާތުގެ ސަބަބުން ޒާރާގެ ރުއިން ހައްތަހާ ވީ ގަދައެވެ. ދެ އަތުގެ އިނގިލި ތަކަށް ލެވުނުހާ ބާރެއް ލާފައި އިމްރާނުގެ ދެފައިތިލައިގައި ޒާރާ ހިފަހައްޓާލިއެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނައިން އިމްރާނުގެ ދެފައިތިލަ ތެންމަމުން ދިޔައެވެ. އެއީ އިމްރާނުގެ ހިތަށް ކުޅަދާނަވީ މަންޒަރަކަށް ނުވިއެވެ. ހަރު ކޮއްގެން އިން ހިތް ޒާރާގެ ކަރުނައިން މަޑުވެއްޖެއެވެ.
''ޒާރާ............. ދެން ހުއްޓާލާ......... ޒާރާ ތިގޮތަށް ރޯތަން ބަލަން ވަރަށް އުނދަގޫ...........'' ޒާރާގެ ބުރަކަށީގައި އަތުން ޖަހާލަމުން އިމްރާނު ބުނެލިއެވެ.
''ރުއިމަކީ ކޮންމެ ކަމެއްގެ ހައްލު ކަމުގައި ޒާރާއަށް ގަބޫލުކުރެވޭނަމަ އެއީ ގޯހެއް......... ރުއިން ހުއްޓާލާފަ ވެގެން އުޅޭގޮތެއް ބުނުން ހެން ހީވަނީ ރަނގަޅުވާނީ............ އޭރުން އަހަރެންވެސް މިހެން ވާނުވާ ނޭގިފަ ހުންނާކަށް ނުޖެހޭނެ................. '' އިމްރާނު ބުނެލިއެވެ. އާދައިގެ ރާގެއްގައެވެ.
ޒާރާ މަޑުމަޑުން ތެދުވިއެވެ. ދެލޮލުން ކަރުނަ ފޮހެލުމަށްފަހު އިމްރާނުގެ މޫނަށް ފުންކޮށް ބަލާލިއެވެ. ލޯ ފޮހެލި ނަމަވެސް ދެލޯ ކަރުނައިން ފުރޭކަށް ގިނައިރެއް ނުނެގިއެވެ.
''އިމްރާން............... އަހަންނަށް މާފުކުރޭ............ އަހަންނަކަށް ނޭނގެ............ އިމްރާނަށް ............އަހަރެން މިވާހަކަތައް.............. ކިޔައިދޭނެ ގޮތެއްވެސް............ އެކަމަކު............. އިމްރާން ތިބުނިހެން މިކަން ދެން............ދެން........... އިތުރަށް ސިއްރު ކުރާނެ ހިތްވަރެއް........... އަހަރެންގެ ނެތް...........'' ޒާރާ އިސްޖަހާލިއެވެ. އޭނާގެ އަރު ބެދި، އިތުރަށް ވާހަކަ ކުރިއަށް ގެންދިއުމަށް ދަތިވިއެވެ.
''ކޮންކަމަކާ؟.......... ޒާރާ މާފަށް އެދެން ޖެހޭވަރު ކަމެއް ކުރެވުނީތަ............ އަދި ތިވަރަކުން ނޭނގުނު............. '' އިމްރާނު ވާހަކަދެއްކީ ހައިރާން ކަމާއެކުގައެވެ. އޭނާ ޒާރާގެ މޫނަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
''އަހަރެން މީ މިހާރު އިމްރާން ތި ހީކުރާ ކަހަލަ މީހެއް ނޫން........ މުޑުދާރު އަންހެނެއް............ '' ޒާރާއަށް ބުނެވުނެވެ. އެ ވާހަކަ ފަށާނެ ގޮތެއް އޭނާއަށް ނޭނގުނީއެވެ.
''ކީކޭ......... ކީކޭ ތި ކިޔަނީ............... ޒާރާ ..............'' އިމްރާނުގެ އަޑު ގަދަވިއެވެ. އެހެން ނޫނީ އިމްރާނަކީ އެހާ ބާރަށް ވާހަކަދައްކާ މީހެއް ނޫނެވެ.
''އާނ............ ހަގީގަތަކީ މީ...........'' ޒާރާ އަށް ދެއްކޭ ވާހަކައެއް އޭނާއަށް އެނގޭ ހެނެއް ހިޔެއް ނުވެއެވެ.
''ތަންކޮޅެއް ސާފުކޮށް ބުނެބަލަ .............. ފަހުދާ ތިކަމާ ހުރި ގުޅުމަކީ ކޮބާ............. ޒާރާ ތި ދައްކާ ވާހަކައެއް އަހަންނަކަށް ނޭނގުނު............'' އިމްރާނު ދުރަށް މޫނު އަނބުރާލިއެވެ.
''ފަހުދު އަހަރެންގެ ...............ހުރިހާއެއްޗެއް ލޫޓުވާލައިފި..........އިމްރާން.........އިމްރާނުގެ ބޭބެ.......ފަހުދު އަހަރެން ރޭޕް ކޮއްފި...................'' ޒާރާ އިމްރާނުގެ އުނގުތެރެއަށް ވެއްޓިގަންނަމުން ރޯންފެށިއެވެ.
އިމްރާނަށް ހީވީ އޭނާގެ ބޮލުގައި މީހަކު އެތިފަހަރެއް ޖެހިހެންނެވެ. ބޮލަށް އެނބުރުން އަރާގޮތް ވިއެވެ. އޭނާ ގަނޑުވި ކަހަލައެވެ. އޭނާއަށް އެ އިވުނު އެއްޗެއް ޔަގީން ކުރަންވީ ހެއްޔެވެ. ތިމާގެ އެއްބަނޑު އެއްބަފާ ބޭބެއެއް ފަދައިން ދެކެމުން އަންނަ މީހާ، ތިމާގެ ލޯބިވާ އަނބިމީހާ ރޭޕް ކުރި ވާހަކަ އަޑުއަހަން އެއްވެސް މީހަކަށް ފަސޭފަ ވާނެހެއްޔެވެ. އެ ވާހަކަ ގަބޫލު ކުރާކަށް އޭނާއަކަށް އެހާ ފަސޭހައެއް ނުވިއެވެ. އެހެން ނަމަވެސް ޒާރާ ރޯ ރުއިމާ ޒާރާއަށް ވެފައި އިންގޮތް ފެނުނު ކޮންމެ މީހަކަށް އެ ވާހަކަ ގަބޫލު ކުރާކަށް އުނދަގުލެއް ނުވާނެއެވެ.
''އިމްރާން........... އަހަރެރެން ދޫކޮއްނުލާތޯ އާދޭސް ކުރަން ............ ހިނގާދިޔަ އެއްވެސް ކަމެއް ހިނގީ އަހަރެންގެ އެއްވެސް އިޚްތިޔާރެއް ނެތި............ ފަހުދު އެކަން ކުރީ އަހަންނަށް ބޭސް ދީގެން ........... ހިނގި ކަމެއް ހިނގާ ދިޔައިރު އަހަރެންނަށް އޮތީ ނިދިފައި......... އެހެންނަމަވެސް ފަހުން ފަހުދު އަހަންނަށް ބިރު ދައްކާ، އެކަން ތަކުރާރު ކުރުވުމަށް އެތައް ފަހަރަކު އަހަންނަށް މަޖުބޫރު ކުރުވި.......... އެތައް ކޮތަކުން އަހަންނަށް އިންޒާރު ދިން.......... އެރޭ އޭނާ ނެގި އަހަރެންގެ ފޮޓޯތައް ބޭނުންކޮށްގެން ބުލެކް މެއިލް ކުރާތާ ކިތަންމެ ދުވަހެއް............ މީގެން އެއްވެސް ވާހަކައެއް އިމްރާނުގާތުގައިވެސް .............އަދި އެހެން މީހަކު ގާތުގައިވެސް ބުނުން ފަހުދު އޮތީ މަނާކޮއްފައި..........''
ޒާރާ ހިތްވަރު ކޮއްފައި ހުރިހާ ވާހަކައެއް އިމްރާނަށް ކިޔާދިނެވެ. އެ ވާހަކަތައް އަޑުއަހަމުން ދިޔައިރު އިމްރާނަށް އެތަށް އިހްސާސްތަކެއް ކުރެވުނެވެ. އޭނާ އެސްފިޔަވެސް ޖަހާނުލާ ޒާރާ ދައްކަމުންދިޔަ ވާހަކަ އަޑުއަހަން އިނީ ގަޑުވެފައިވާ ބުދެއްފަދައިންނެވެ.
ކޮޓަރި ތެރޭގައިވާ ހަމަހިމޭން ކަމުގެ ތެރެއިން ޒާރާގެ މަޑު މަޑު ގިސްލުމުގެ އަޑު ފިޔަވާ އެހެން އަޑެއް ނީވެއެވެ. ހިނދުކޮޅެއް އެގޮތުގައި ހޭދަވެގެން ދިޔައެވެ.
ކުއްލިއަކަށް އިމްރާން އެނދުން ތެދުވިއެވެ. ލައިގެން ހުރި އެއްޗިހި ބަދަލުކޮއްލުމަށްފަހު ފޯނާ ވޮލެޓް ނެގިއެވެ. އެތަކެތި ޖީންސްގެ ޖީބަށް ކޮއްޕާލަމުން ހަލުވި ފިޔަވަޅުތަކެއްގައި ދޮރާ ދިމާއަށް ހިނގައިގަތެވެ.
------------------------------------------------------------------
ނުނިމޭ.. ވާހަކައިގެ އާ ބައެއް، އިންޝާﷲ، 27 އޭޕްރީލް ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ......
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް