ކުވައިތު ދަތުރުފުޅަށް ފަހު ޝާހިދު ރާއްޖެ ވަޑައިގެންފި

ކުވައިތަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ. ރަސްމީ ދަތުރު ފުޅެއްގައި ޝާހިދު ކުވައިތައް ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހު އެވެ. ފޮރިނ...

22 Apr 2021 | 09:57

ކުވައިތަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.

ރަސްމީ ދަތުރު ފުޅެއްގައި ޝާހިދު ކުވައިތައް ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހު އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު އެ ގައުމުގެ ބޮޑުވަޒީރު ޝައިޚް ސަބާޙް ޚާލިދު އަލް ޙަމަދު އަލް ސަބާހާއި ބައްދަލު ކުރައްވި ކަމަށެވެ. މި ބައްދަލުވުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ ދެޤައުމުގެ މެދުގައި އޮންނަ އަޚުވަންތަ ގުޅުމަކީ އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިތުބާރާއި ޤަދަރުގެ މައްޗަށް ބިނާވެގެންވާ، ދީނީ އަދި ސަޤާފީ ގުޅުމެއްކަމަށް މިނިސްޓަރ ވިދާޅުވި ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ކުވައިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި ކުވައިތުގެ ސަރުކާރުން އަބަދުވެސް ފޯރުކޮށްދެއްވަމުންދާ އެހީތެރިކަމަށްޓަކައި މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރި އަސަރުތަކާއި އަދި ބަލިމަޑުކަމުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އެޅުއްވި ފިޔަވަޅުތަކާ ބެހޭ މައުލޫމާތު، ކުވައިތުގެ ބޮޑުވަޒީރަށް މިނިސްޓަރ ޝާހިދު ހިއްސާކުރެއްވިއެވެ.

މިނިސްޓަރުގެ ދަތުރުގައި ކުވައިތުގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓާ އޮފް ސްޓޭޓް ފޯ ކެބިނެޓް އެފެއާޒް ޑރ. އަހްމަދު ނާސިރް އަލް މުހައްމަދު އަލް އަހްމަދު އަލް ޖާބިރު އަލް ސަބާހް އާއި އެގައުމުގެ އެހެން ބައެއް އިސްވެރިންނާ މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވާ އެކި ރޮނގުރޮގުން މަޝްވަރާ ކުރައްވާފައެވެ.

އަދި ދެ ގައުމުގެ ދެމެދުގައި ދެ އެއްބަސްވުމެއްގައި ސޮއިކޮށްފަވެ އެވެ. އެއީ ޓޫރިޒަމް ދާއިރާއިން އެއްބާރުލުން ދިނުމާއި ދެގައުމު ގުޅިގެން ބައިނަލްއަގުވާމީ މަޝްރަހުގައި މަސައްކަތް ކުރުމަށް ވި އެއްބަސްވުމެކެވެ.

މިނިސްޓަރު ޝާހިދު ވަނީ ކުވައިތަށް ވަޑައިގެންނެވުމުގެ ކުރިން ދެ ގައުމުގެ ގުޅުން ބަދަހި ކުރެއްވުމަށް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް