ޔޫރަޕުގެ ނަން މަޝްހޫރު ގިނަ ކުލަބުތަކެއް ގުޅިގެން އުފެއްދި ޔޫރަޕިއަން ސުޕަ ލީގުން މިހާތަނަށް ވަކިނުވެ އޮތީ އެންމެ ދެ ކުލަބު ކަމަށާއި އެއީ ސްޕެއިންގެ ރެއާލް މެޑްރިޑާއި ބާސެލޯނާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ރަސްމީކޮށް ވުޖޫދުކުރި ސުޕަލީގަށް މިހާތަނަށް މާ ބޮޑު ތާއީދެއް ލިބިފައި ނުވާއިރު، ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން ދަނީ އެ ލީގަށް ވަރަސް ބޮޑަށް އަމާޒުވަމުންނެވެ. އެގޮތުން މި ލީގުގައި ބައުވެރިވި ގިނަ ކުލަބުތަކަކަުން ލީގުން ވަކިވިކަން ރަސްމީކޮށް އިޢުލާނު ކޮށްފައިވާއިރު، މި ލީގު މިހާރުވަނީ ހުއްޓުމަކަށް އައިސްފައިކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އޭގެ ތެރޭގައި ސްޕެއިންގެ ތިން ޓީމަކުން ބައިވެރިވެފައިވާއިރު، އެތްލެޓިކޯ މެޑްރިޑުން މިހާރު ވަނީ މި ލީގުން ވަކިވެފައެވެ. މީގެ އިތުރުން އިނގިރޭސި ލީގުގައި ހިމެނޭ ހަ ކުލަބެއްވެސް ބައިވެރިވެފައިވާއިރު، މި ހަ ކުލަބުވެސްމިހާރު ވަނީ ލީގާއި ވަކިވެފައެވެ. އަދި އިޓަލީ ލީގުން ބައިވެރިވި ކުލަބުތައްވެސް މިހާރު ވަނީ މި ލީގުން ވަކިވެފައެވެ.
މިއާއި އެކު މި މުބާރާތް ހުއްޓުމަކަށް އައިސްފައިވާއިރު، ބުދަ ދުވަހުގެރޭ ސުޕަ ލީގުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މުބާރާތުން އިނގިރޭސި ކުލަބުތައް ވަކިވީ ކުރިމަތިކުރުވަމުން އަންނަ ބޮޑެތި ޕްރެޝަރުތަކެއްގެ ސަބަބުން ކަމަށެވެ. އަދި އިތުރު ކުލަބުތައްވެސް ވަކިވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެހެންކަމުން މުބާރާތް ކުރިއަށްގެންދެވޭނެ އިތުރު ގޮތެއް ވިސްނަން ޖެހިފައިވާ ކަމަށްވެސް އެ ފަރާތުން ވަނީ ބުނެފައެވެ. އެގޮތުން މުބާރާތުގެ ފޯމެޓަށް ގެނެވޭނެ ބަދަލުތައް ދިރާސާކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.
އާދީއްތަ ދުވަހުގެރޭ ސުޕަ ލީގު ރަސްމީކޮށް އިއުލާންކޮށްފައިވަނީ ފައުންޑާ 12 ކުލަބަކާއެކުއެވެ. އެގޮތުން އެ މުބާރާތުގެ ފައުންޑާ ކުލަބުތަކުގެ ތެރޭގައި ހިމެނުނީ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި، ލިވަޕޫލާއި، ޗެލްސީ އާއި، މެންޗެސްޓާ ސިޓީ އާއި، އާސެނަލް އަދި ޓޮޓެންހަމް ހޮޓްސްފާ އާއި، ސްޕެނިޝް ލީގުގެ ރެއާލް މެޑްރިޑާއި، ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑުގެ އިތުރުން އިޓާލިއަން ލީގުގެ އިންޓަ މިލާނާއި، އޭސީ މިލާން އަދި ޔުވެންޓަސްއެވެ.
ސުޕަ ލީގު އިއުލާންކޮށްފައިވަނީ ޔުއެފާ އާއި ފީފާއިން އެކަމާ ދެކޮޅަށް ތަކުރާރުކޮށް އިންޒާރު ދެމުން އަންނަނިކޮށެވެ. އެގޮތުން ފީފާއިން ވަނީ ސުޕަ ލީގުގައި ބައިވެރިވާ ކޮންމެ ކުލަބެއް އަދި ކޮންމެ ކުޅުންތެރިއަކުވެސް ފީފާއިން ނޫނީ އެހެން ފެޑެރޭޝަންތަކުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އަދި އެ މުބާރާތުގައި ކުޅޭ ކުޅުންތެރިންނަށް ޔޫރޯ އާއި ފީފާ ވޯލްޑްކަޕް ގައިވެސް ނުކުޅެވޭނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން ސުޕަ ލީގު ކާމިޔާބުކުރާ ޓީމަކަށް 400 މިލިޔަން ޔޫރޯ ލިބިގެންދާނެއެވެ. މިއީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރާ ޓީމަކަށް ލިބޭ ފައިސާގެ އިނާމަށްވުރެ އެތަކެއް ގުނަ އިތުރު އަދަދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް