އެކަށީގެން ނުވާ ތަނަކަށް ބިދޭސީން ގެންދެވުމުން ސަރުކާރުން މައާފަށް އެދެފި

މާލެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި ބިދޭސީންނާއި ގުޅުން ހުރެގެން ކަރަންޓީން ކުރި ބިދޭސީންތަކެއް ވިލިވަރުގައި ބޭތިއްބި ފެސިލިޓީގެ ހާލަތު ސޯޝަލް މީޑިއާގައި އާންމުވުމުން އެކަމަށް ސަރުކާރުން މައާފަށް އެދެފ...

22 Apr 2020 | 17:46

މާލެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި ބިދޭސީންނާއި ގުޅުން ހުރެގެން ކަރަންޓީން ކުރި ބިދޭސީންތަކެއް ވިލިވަރުގައި ބޭތިއްބި ފެސިލިޓީގެ ހާލަތު ސޯޝަލް މީޑިއާގައި އާންމުވުމުން އެކަމަށް ސަރުކާރުން މައާފަށް އެދެފި އެވެ.

ޕޮސިޓިވްވި މީހުންނާއި ގުޅުން ހުރި80 ބިދޭސީއަކު އިއްޔެ ވިލިވަރަށް ގެންދިޔަ އެވެ. އެމީހުން ބޭތިއްބާފައި ތިބީ އެ ރަށުގައި ރިސޯޓު ތަރައްގީ ކުރި ކުންފުނިން ބިދޭސީ މަސައްކަތު މީހުން ގެންގުޅުނު ސަރަހައްދުގައި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ރޭ ފޮޓޯތަކަކާއި ވީޑިއޯތަކެއް ދައުރުވި އެވެ.

ފޮޓޯތަކާއި ވީޑިއޯ ތަކުން ފެންނަ ގޮތުގައި އެއީ އިންސާނުން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫނެވެ. މިކަމަށް ސަރުކާރުން ވަނީ އެެއްބަސްވެެ މައާފަށް އެދިފަ އެވެ.

ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެއީ އިންސާނުން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެކަން އެގޮތަށް ހިނގީ ކުއްލި ގޮތަކަށް ބިދޭސީންތަކެއް އެކަހެރި ކުރަން ޖެހުމުން ވަގުތީ ގޮތުން ކަމަށް ބުނެފައިވެ އެވެ.

އޭނާ ވިދާޅުވީ މިހާރު ވިލިވަރުގައި ތިބި ބިދޭސީން އެހެން ކަރަންޓީން ފެސިލިޓީތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެއްބަޔަކު އިރުވެލި ރިސޯޓު އަދި އަނެެއް ބަޔަކު ކުޑަބަނޑޮސް ކަރަންޓީން ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ވިލިވަރަކީ ކަރަންޓީން ފެސިލިޓީ ހަދަން30 ކޮޓަރީގެ އިމާރާތެއް ހަދާފައި ހުރި ތަނެކެވެ. އެކަމަކު އިއްޔެ ގެންދިޔަ ބިދޭސީން އެތަނުގައި ވަގުތީ ގޮތުން ބޭތިއްބުމުގެ ބަދަލުގައި ދަނގަޑު ޓިނުން ހަދާފައިހުރި ފާހަނާތަކެއް ހުރި ތަނެއްގައި ބިދޭސީންތަކެއް ބައިތިއްބާފައިވާ ކަމަށް ބުނެ ވީޑިއޯގެ އިތުރުން ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.

މިހާތަނަށް ރާއްޖެއިން86 މީހަކު ކޯވިޑަށް ޕޮސިޓިވް ވެފައިވާއިރު މާލެއިން66 މީހަކު ވަނީ ޕޮސިޓިވް ވެފައި އެވެ. އޭގެ ތެރޭގައި ބިދޭސީންވެސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް