މިއަހަރުގެ މުލަ ރޯދަ ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިހިނގާ 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު މިރޭ ފެނިފައި ނުވާތީ، މާދަމާއަކީ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށެވެ. އަދި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 24 އޭޕްރިލް 2020 ވާ ހުކުރު ދުވަސް ކަމަށެވެ.
ހަނދު ސާބިތު ކުރުމަށް ބޭއްވި ޖަލްސާއަށް ފަހު އިއްވެ ތަގުރީރުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ރޯދަ ހިފުމަށް ފަރުވާތެރިވެ މާތް ﷲ ރުއްސެވުމާއި މަޣުފިރަތައް އެދި ހެޔޮކަންކަން ކުރުމަށް އިސްކަން ދިނުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.
މިއަހަރުގެ ހަނދު ސާބިތު ކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.
މިއަހަރުގެ ރަމަޟާން މަސް ބައްދަލު ކުރަނީ ކޯވިޑް-19 ގެ ނުރައްކާތެރިކަން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އެވެ. މި ވައިރަހުގެ ނުރައްކާތެރިކަން ބޮޑޫވެ ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުން ވަނީ މެދު ކަނޑާލާފައި އެވެ.
މީގެ އިތުރުން ރޯދަ މަހު ތަރާވީހް ނަމާދު ކުރުން އެއްވެސް މިސްކިތެއްގައި ނޯންނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް