ކޯވިޑް-19 ރާއްޖޭގެ އާންމުންގެ މެދުގައި ފެތުރި ޕޮސިޓިވް މީހުންނާއި ގުޅުން ހުރި މީހުންގެ އަދަދު ދެ ހާހުން މައްޗަށް ދިޔުމުން ކޯވިޑަށް ޓެސްޓު ކުރުމުގައި އަމަލު ކުރަމުން އައި އުސޫލަށް އަނެއްކާވެސް ބަދަލެއް ގެނެސްފި އެވެ.
ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކުރިން އަމަލު ކުރަމުން އައި އުސޫލުގެ ދަށުން ގުޅުން ހުރި އެންމެން ޓެސްޓު ކުރަން ޖެހެ އެވެ. އެއީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އެ އަދަދު އިތުރުވެފައިވާތީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް) އިން އެ ނިންމުމަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މިހާރު ޓެސްޓު ކުރާނީ ޕޮސިޓިވްވާ މީހުންނާއި ގުޅުން ހުންނަ ދެ ކެޓަގަރީއެއްގެ މީހުން ކަމަށް ވިދާޅުވި އެވެ.
އެއީ ޕޮސިޓިވްވާ މީހުންނާއި ސީދާ ގުޅުން ހުންނަ މީހުންނެވެ. އޭގެ ތެރޭގައި އެއްކޮށް އުޅޭ މީހުންނާއި އާއިލާގެ މީހުންގެ ތެރެއިން ވަކި މުއްދަތެކެއްގެ ތެރޭގައި އެއްކޮށް އުޅެފައިވާ މީހުންނެވެ.
ދެން ޓެސްޓު ކުރަން ހަމަޖެހިފައިވަނީ ގުޅުން ހުރެގެން އައިސޮލޭޝަންގައި ބައިތިއްބާފައިވާ ތިބޭ މީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ފެންނަ މީހުންނެވެ. މިހާރު ބައެއް މީހުން އައިސޮލޭޝަން ފެސިލިޓީތަކުގެ އިތުރުން އަލާމާތެއް ނުފެންނަ ނަމަ ގޭގައި އައިސޮލޭޓްކޮށްފައި ބައިތިއްބާފައިވެސް އެބަ ތިއްބެވެ.
މިހާތަނަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި މީހުން ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އާންމުންގެ މެދުގައި ފެތުރެން ފެށުމުގެ ކުރިން އެންމެ ފުރަތަމަ އެޗްޕީއޭއިން ކޯވިޑް-19 އަށް ޓެސްޓު ކުރަމުންދިޔައީ ޝައްކު ކުރެވޭ މީހުންނާއި ގުޅުން ހުރި މީހުންނެވެ. ފަހުން ވަނީ ކަރަންޓީން ނިންމާ އެންމެންވެސް ކޯވިޑަށް ޓެސްޓު ކުރަން ފަށާފައި އެވެ. އެއީ ކަރަންޓީން ފުރިހަމަކޮށްފައި ފުރި ދެ އިޓަލީގެ ޓޫރިސްޓަކު ދިޔަ ފަހުން ބައްޔަށް ޕޮސިޓިވްކަން އެނގުނު ހިސާބުންނެވެ.
މިހާތަނަށް ރާއްޖެއިން86 މީހަކު ކޯވިޑަށް ޕޮސިޓިވް ވެފައިވާއިރު ހަމަ އެކަނި މާލެއިން66 މީހަކު ވަނީ ޕޮސިޓިވް ވެފައި އެވެ. އެމީހުންނާއި ގުޅުން ހުރި2331 މީހަކު ހޯދިފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް