ކޯވިޑް-19 ގައި ޕޮސިޓީވް ކޭސްތައް އިތުރުވާން ފެށިފަހުން އެންމެ މަދުން ޕޮސިޓިވް ކޭސްތައް ފެނުނީ މިއަދު ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ މިއަދުގެ މިހާތަނަށް ފެނިފައިވަނީ ޕޮސިޓިވް ދެ ކޭސް ކަމަށެވެ. އެއީ ދެ ދިވެހިންނެވެ.
އޭގެ ތެރެއިން 85 ވަނަ އަށް ޕޮސިޓިވްވި މީހާ އަކީ މިހާތަނަށް ޕޮސިޓިވްވި އެއްވެސް މީހަކާއި ގުޅުމެއް ނެތް މީހެއް ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމީހާ އާއި ގުޅުން ހުރި13 މީހަކު ހޯދިފައިވާ ކަމަށެވެ.
އަދި އެމީހާ އަކީ މި މަހުގެ14ވަނަ ދުވަހުގެ ނިޔަލަށް އީދު މިސްކިތަށް ނަމާދަށް ގޮސްފައިވާ މީހަކަށް ވާތީ އެކަންވެސް ޑރ. އަފްޒަލް ފާހަގަ ކުރެއްވި އެވެ. އޭނާ ޓެސްޓު ކުރީ އަލާމާތްތައް ފެންނާތީ ފްލޫ ކްލިނިކަށް ދެއްކުމުންނެވެ.
ދެން މިއަދު ޕޮސިޓިވް ވެފައިވަނީ އެސްޓީއޯގެ ސެކިއުރިޓީ ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އޭނާ އަކީ36 ވަނައަށް ޕޮސިިޓިވްވި އަމީން ހިޔާއަށް ގެންދިޔަ ބިދޭސީ މީހާ އާއި ގުޅުން ހުރި މީހެއް ކަމަށް އަފްޒަލް ވިދާޅުވި އެވެ.
އެމީހާ އާއި ގުޅުން ހުރި އިތުރު ދެ ބިދޭސީއަކުވެސް ޕޮސިޓިވްވެފައިވެ އެވެ. މި ދެމީހުން ބައްދަލުވެފައިވަނީ އަމީން އެވެނިއުއަށް ބަދަލުވި ބިދޭސީ މީހާ އާއި އެއް ގެއަކު ކުރިން މާލޭގައި އުޅެފައިވާތީ އެވެ.
އަމީން އެވެނިއުއަށް އެ ބިދޭސީ މީހާ ބަދަލުކޮށްފައިވަނީ މިމަހުގެ15 ވަނަ ދުވަހު އެވެ. އެމީހާ އާއި ގުޅުން ހުރި މީހުންގެ ގޮތުގައި ފާހަގަވެފައިވަނީ ހަތް މީހުުން ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
އެޗްޕީއޭއިން ބުނީ ޕޮސިޓިވް ކޭސްތައް އިތުރުވުން އަދި މަދުވީ ކަމަށް ގަބޫލް ނުކުރާ ކަމަށެވެ. ބެލެވޭ ގޮތުގައި ޓެސްޓު ކުރެވޭ ސާމްޕަލްތަކުގެ އަދަދުގެ ގޮތުން އަންނަ ބަދަލަށް ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އާންމު ގޮތެއްގައި ކޮންމެ ދުވަހަކު ޓެސްޓު ކުރެވެމުންދަނީ ގާތްގަނޑަކަށް200 އެއްހާ ސާމްޕަލް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. ސަރުކާރުން ދަނީ ގިނަ ސާމްޕަލްތަކެއް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަަޖައްސަމުން ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް