ކޯވިޑް-19 ގެ ނުރައްކާތެރި މި ނާޒުކު ދަނޑިވަޅުގައި މާލޭގައި ދިރިއުޅޭ ގެއިން ކުލި ނުދެއްކިގެން ނުކުންނަން ވެރިފަރާތުން އަންގައިފި ނަމަ އެކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް އަށް ރިޕޯޓު ކުރުމަށް އިލްތިމާސްކޮށްފި އެވެ.
އެ ކޮމިޝަނުން ރޭ ބުނީ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ ކޮމިޝަނަށް ޝަކުވާ ހުށަހެޅުމަށް އެދޭ ކަމަށެވެ. އެކަމަށް ހާއްސަ ފޯމެއް އެ ކޮމިޝަނުން ވަނީ ތައާރަފުކޮށްފައި އެވެ. އެ ފޯމަކީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އިންސާނީ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ރާއްޖޭގައި ހިންގަމުންދާ އަމަލުތައް ރިޕޯޓު ކުރުމަށް އެ ކޮމިޝަނުން ތައާރަފުކޮށްފައިވާ ފޯމެކެވެ.
އެޗްއާރުސީއެމްއިން ވަނީ މިހާލަތުގައި ގެއިން ނުކުންނަން ޖެހޭ ފަރާތްތަކަށް ހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފަ އެވެ.
މާލޭގެ ބައެއް ގޭގައި ދިރިއުޅޭ ފަރާތްތަކަށް ކުލި ނުދެއްކިގެން ގެއިން ނުކުންނަން ބައެއް ގޭގޭގެެ ވެރިން އަންގަމުންދާކަމަށް އިއްޔެ ސަރުކާރުން ވަނީ ހާމަކޮށްފައި އެވެ. އަދި އެ ފަދަ ފަރާތްތަކަށް ހައްލެއް ހޯދައިދޭނެ ކަމަށް ބުންޏެވެ.
އެގޮތުން މިކަމުގައި އެހީތެރިކަން ފޯރުކޮށްދޭނީ ޖެންޑާ މިނިސްޓްރީން ކަން ހާމަކޮށް އެފަދަ ހާލަތެއް މެދުވެރިވާ ފަރާތްތަކުން އެ މިނިސްޓްރީގެ ނަމްބަރު1412 އަށް ގުޅުމަށް އެދިފައިވެ އެވެ. މިހާތަނަށް ގެއިން ނުކުންނަން ޖެހުނު2 ފަރާތަކަށް ޖެންޑާ މިނިސްޓްރީން ވަނީ ވަގުތީ ބޯހިޔާވަހިކަން ހޯދައިދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް