ހުޅުމާލޭގައި ހަދާ ކޯވިޑް ފެސިލިޓީގެ މަސައްކަތް ނިންމުން އަނެއްކާވެސް ލަސްވެއްޖެ

ހުޅުމާލޭގައި ކޯވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ތައްޔާރު ކުރަމުންދާ ފެސިލިޓީގެ މަސައްކަތް ނިމޭނީ މިމަހުގެ ނިޔަލަށް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. ހުޅުމާލޭ މެޑިކަލ...

22 Apr 2020 | 07:36

ހުޅުމާލޭގައި ކޯވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ތައްޔާރު ކުރަމުންދާ ފެސިލިޓީގެ މަސައްކަތް ނިމޭނީ މިމަހުގެ ނިޔަލަށް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ނަން ދީފައިވާ އެ ފެސިލިޓީގެ މަސައްކަތް ނިންމޭނެ ކަމަށް ކުރިން ކަނޑައަޅާފައި އޮތީ މިމަހުގެ 21 ވަނަ ދުވަހަށެވެ. އޭގެ ކުރިން މިމަހުގެ 15 ވަނަ ދުވަހަށް ނިމޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

އެ ފެސިލިޓީއަކީ300 މީހުންނަށް އެއް ފަހަރާ ފަރުވާދެވޭ ގޮތަށް ތަރައްގީ ކުރާ ތަނެކެވެ.

ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ފެސިލިޓީގެ އިމާރާތުގައި ކުރަމުންދިޔަ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ. މިހާރު ކުރިޔަށް ދަނީ މެޑިކަލް އިކުއިޕްމެންޓް ވެއްދުމާއި ފިނިޝިންގެ މަސައްކަތް ކަމަށެވެ.

ފެސިލިޓީ ހެދުމަށް40 މިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށް މީގެ ކުރިން މަބްރޫކް ވިދާޅުވެފައިވެ އެވެ. އެގޮތުން އެ ފެސިލިޓީ ހަދަނީ12 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކަމަށެވެ. އަދި އެތަނަށް ބޭނުންވާ ސިއްހީ ފަރުވާދޭ ސާމާނު ހޯދަން28 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ފެސިލިޓީ ތަރައްގީކޮށް ނިމޭއިރު ތިން އިމާރާތެއް ހުންނާނެ އެވެ. އެއީ ބަލި މީހުންނަށް ހާއްސަ އިމާރާތަކާއި، ހިދުމަތްތަކަށް ހާއްސަ އިމާރާތެއްގެ އިތުރުން އެކޮމެޑޭޝަން އަށް ހާއްސަ އިމާރާތެކެވެ.

ހިދުމަތްތަކާއި ބެހޭ އިމާރާތުން ކެއުމާއި، ދޮވެ އިސްތިރި ކުރުމާއި އެނޫންވެސް އެ ފެސިލިޓީގައި ދޭންޖެހޭ ހިދުމަތްތައް ލިބޭނެ އެވެ. އެކޮމެޑޭޝަން އިމާރާތަކީ އެ ތަނުގައި ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުން އަދި މަސައްކަތު މީހުންގެ ހުރުމަށް ތައްޔާރު ކުރާ އިމާރާތެކެވެ. ބަލި މީހުންނަށް ފަރުވާ ދެނީ ވަކި އިމާރާތެއްގައި އެވެ.

މިތަން ހަދަމުންދަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި އޮންނަ ހުސް ބިމުގައި އެވެ. ސަރުކާރުން ހަމަޖައްސާފައިވަނީ އެތަނުގައި ފަރުވާ ދޭ މީހުންގެ ތެރެއިން ހާލު މާ ސީރިއަސްވާ މީހުންނަށް ޓްރީޓޮޕް އައިސީޔޫގައި ފަރުވާދޭށެވެ.

މިހާތަނަށް ރާއްޖެއިން86 މީހަކު ބައްޔަށް ޕޮސިޓިވް ވެފައިވާއިރު16 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. މިހާޜު އާންމުންގެ މެދުގައި ބަލި ފެތުރެން ފަށާފައިވާއިރު ކުރިޔަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ ނުރައްކާތެރި ހާލަތަކަށް ދާނެ ކަމަށް އެޗްޕީއޭއިން ލަފާ ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް