ކޯވިޑް-19 އާއި ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތައް އެއްބާރުލުން ދީ މަސައްކަތްުގައި ބައިވެރިވުމަށް ނުކުތުމަށް ތާއްޔަރަށް ތިބުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދައުލަތުގެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
މާލޭގައި ކޮވިޑް-19 ވައިރަސް ފެތުރި މާލެއިން އެކަނި 66 މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ. އަދި ވައިރަސް ޖެހުނު މީހުންނާ ކޮންޓެކްޓުވި މީހުން އަތޮޅު ތެރޭގެ ރަށްރަށުގައި އެބަ ތިއްބެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ސޮއި ކުރައްވައި ރޭ ނެރުއްވި ދެންނެވުމެއްގައިވަނީ، ކޯވިޑް-19 ބަލި ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހަލުވިކޮށް ފެތުރެމުންދާތީ، އެކަމާ ދެކޮޅަށް ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށުގައި ކުރަންޖެހޭ މަސައްކަތްތައް އިތުރުވެފައިވާ ކަމަށެވެ. ރައީސް އާއި ހަވާލާ ދެއްވާ އެ ދެންނެވުމުގައި ބުނެފައިވަނީ ކަމާ ބެހޭ ފަރާތްތަކުން ދައުަތުގެ މުވައްޒަފުންގެ އެހީއަށް އެދޭ ވަގުތެއްގައި އެހީތެރިކަން ދިނުމަށް ތައްޔާރަށް ތިއްބެވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.
މިފަދަ ކާރިސާގެ ވަގުތެއްގައި ދައުލަތުގެ ހުރިހާ މުވައްޒަފުންގެ އެހީތެރިކަން ސަރުކާރަށް ބޭނުންވާ ކަމަށް ބުނެފައިވެ އެވެ. އެގޮތުން ޓާސްކް ފޯސްތަކާއި، ކައުންސިލްތަކާއި، ސިޓީތަކާއި ރަށްރަށުގައި ހުރި ސަރުކާރުގެ އޮފީސްތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ސިވިލް ސާވިސްގެ މުވައްޒަފުންނާއި، ޖުޑީޝަލް ސާވިސްގެ މުވައްޒަފުންނާއި، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި ކަމަށް އެ ދެންނެވުމުގައިވެ އެވެ.
އަތޮޅު ތެރޭގެ ޓާސްކް ފޯސްތަކުގަ އާއި ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ކުރާ އެންމެހައި މަސައްކަތްތައް ކުރުމުގެ އެންމެ އިސް ސަފުގައި މިހާރުވެސް ހަރަކާތްތެރިވާ އެއްބަޔަކީ ދައުލަތުގެ މުވައްޒަފުންކަން ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
މާލެއިން ބަލި ފެނުނުތާ ހަފްތާއެއްގެ ތެރޭގައި ރާއްޖޭގައި ކޯވިޑް ޖެހިފައިވާ މީހުންގެ އަދަދު ކުއްލިއަކަށް ދަނީ އިތުރުވަމުންނެވެ. އަދި ބަލި ކޮންޓްރޯލް ކުރުމުގައި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާއިރު ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކަށް ބޯލެނބުމަށް ތަކުރާރުކޮށް ދަނީ އިލްތިމާސް ކުރަމުންނެވެ.
މިހާތަނަށް ރާއްޖެއިން86 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮސިޓިވްވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް