ޙާާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކުރެވިގެން ހެދިގޮނޑުދޮށުގައި ރޭމްޕް ހަދަނީ

މުޖުތަމަޢުގައި ދިރިއުޅޭ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކުރެވިގެން ހެދިގޮނޑުދޮށުގައި ކުރިއަށްދާ ރޭމްޕް ހެދުމުގެ މަޝްރޫޢު ގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ. އ...

22 Mar 2021 | 14:59

މުޖުތަމަޢުގައި ދިރިއުޅޭ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކުރެވިގެން ހެދިގޮނޑުދޮށުގައި ކުރިއަށްދާ ރޭމްޕް ހެދުމުގެ މަޝްރޫޢު ގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.

އިއްޔެ ހަވީރު ހެދިގޮނޑުދޮށް ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް އަޙުމަދު މަޙުލޫފް، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޕަރސަންސް ވިތް ޑިސްއެބިލިޓީޒް (އެމް.އޭ.ޕީ.ޑީ) ގެ ޗެއަރޕާރސަން އަޙުމަދު މުޙައްމަދާއި އެޖަމިއްޔާގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެން ނެވިއެވެ.

ހެދިގޮނޑުދޮށުގައި ކުރިއަށްދާ ރޭމްޕް ހެދުމުގެ މަޝްރޫޢަކީ އެމްޓީސީސީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އަދި މިމަޝްރޫޢަކީ ޕްލޭނިންގް މިނިސްޓްރީއާއި، ޔޫތް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލާއި އެމް. އޭ. ޕީ. ޑީ. އާއި ގުޅިގެން އެމްޓީސީސީ އިން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން، 24.48 އަކަ މީޓަރުގެ ވޯކްވޭއަކާއި ރޭމްޕެއް ހެދުމާއި، ޗޭންޖިންގ ހޮއިސްޓެއް ހެދުމާއި، ޝޭޑިންގް ހަޓެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މުޖުތަމަޢުގެ ކަންކަމަށް ޙިއްޞާކުރުމުގެ ރޫހަކީ އެމްޓީސީސީ އުފެދުނީއްސުރެ އެ ކުންފުނީގެ ސަޤާފަތުގައި ހިމެނޭކަމެއް ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

އަދި މި މަސައްކަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކާ ގާތުން މަސައްކަތްކުރާކަން ވެސް އެ ކުންފުނިން ފާހަގަ ކުރިއެވެ.

އެމްޓީސީސީގެ އަމާޒަކީ ކުންފުނިން ކުރިއަށްގެންދިޔަ އެހެނިހެން މަޝްރޫޢުތަކެކޭ އެއްފަދައިން މިއަދު އަމަލީ މަސައްކަތް އިފްތިތާޙް ކުރެވުނު މަޝްރޫޢުވެސް ކާމިޔާބު ކަމާއެކު ނިންމާލައި ސަރުކާރާ ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ހަވާލުކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް