ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރި ކުރުވައި މައުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، ގދ. ފަރެސްމާތޮޑާ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.
މި މާރިޗު މަހުގެ 20 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުންކުރުމާއި އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ ނޭދޭވޭ ކަންކަމާއި އެކަންކަމުން ރައްކާތެރިވުމަށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން، އެ ސްކޫލުގެ ގްރޭޑް 5 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި، އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ ނޭދޭވޭ ކަންކަމާއި އެފަދަ ކަންކަމުން ރައްކާތެރިވުމަށް މަަސައްކަތްކުރާނެގޮތް ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދީފައިވެއެވެ.
އަދި އިންޓަނެޓު ބޭނުންކުރުމުގައި ނޭދެވޭ އެއްވެސް ކަމެއް ދިމާވެއްޖެނަމަ އެކަން ސިއްރުނުކޮށް ބެލެނިވެރިންނާ ހިއްސާކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އިންޓަނެޓުން ދިމާވާ ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމަށާއި ޒާތީ މައުލޫމާތާއި ފޮޓޯފަދަ ތަކެތި އެމީހުންނާ ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި، އިންޓަނެޓުގެ ޒަރީއާއިން ހިންގާ ކުށްތަކާއި އެކަމާ ގުޅޭގޮތުން އެންމެ އާންމުކޮށް ހުށަހެޅޭ މައްސަލަތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ކުދިން އިންޓަނެޓު ބޭނުންކުރާނަމަ ބެލެނިވެރިން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް