އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުގައި ޝެފީލްޑް އަތުން މޮޅުވެ ޗެލްސީ ސެމީ ފައިނަލްއަށް ދަތުރުކުތިއިރު، ލެސްޓާ ސިޓީ އަތުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓައިފިއެވެ.
ރަށުން ބޭރުގައި ލެސްޓާ ސިޓީއާއި ދެކޮޅަށް ކުޅެ މި މުބާރާތުން ޔުނައިޓެޑް ކެޓީ ލެސްޓާ ސިޓީ އަތުން 3-1 ގެ ނަތީޖާއަކުން ބަލިވުމާ ގުޅިގެންނެވެ.
ލެސްޓާގެ ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީވެސް އެ ޓީމުންނެވެ. އެގޮތުން މެޗުގެ 24 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ފްރެޑް ހެދި ގޯހެއްގެ ފައިދާ ނަގައި، ލެސްޓާއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ކެލެޗީ އިހެނާޗޯއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 38 ވަނަ މިނެޓުގައި މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގައި ލެސްޓާއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ޔޫރީ ޓިއެލެމަންސް ކާމިޔާބުކުރި ލަނޑުންނެވެ. އަދި މެޗުގެ 78 ވަނަ މިނެޓުގައި އިހެނާޗޯ ވަނީ އިތުރު ލަނޑެއް ޖަހައި، ލެސްޓާއަށް ސެމީގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.
މި މުބާރާތުގެ ސެމީއަށް ޗެލްސީ ދަތުރުކުރީ އާދީއްތަ ދުވަހުގެރޭ ކުއާޓާ ފައިނަލުގައި ޝެފީލްޑް ޔުނައިޓެޑް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޗެލްސީން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ ލިޑު ނަގާފައެވެ. މިއީ މެޗުގެ 24 ވަނަ މިނެޓުގައި ޝެފީލްޑުގެ އޮލީ ނޯވުޑް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ޗެލްސީން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަކީމް ޒިޔެކް ކާމިޔާބުކުރި ލަނޑުންނެވެ.
ކުއާޓާގެ މެޗުތަކަށްފަހު މުބާރާތުގެ ސެމީގެ ގުރުލުން ބޭއްވިއިރު، ސެމީގައި ޗެލްސީ ބައްދަލުކުރަން ޖެހުނީ މެންޗެސްޓާ ސިޓީއާއެވެ. އަދި ލެސްޓާ ބައްދަލުކުރާނީ ސައުތެމްޓަނާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް