ސެރިއޭ: ފިއޮރެންޓީނާއަތުން މިލާނަށް އުނދަގޫ މޮޅެއް

އިޓާލިއަން ލީގުގައި ރޭ ފިއޮރެންޓީނާ އާއި ދެކޮޅަށް އޭސީމިލާން ކުޅުނު މެޗުން އެޓީމު މޮޅުވެއްޖެއެވެ. މި މެޗުން މިލާން މޮޅުވީ ފިއޮރެންޓީނާ އަތުން 3-2 ގެ ނަތީޖާއަކުންނެވެ. ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މ...

22 Mar 2021 | 03:55

އިޓާލިއަން ލީގުގައި ރޭ ފިއޮރެންޓީނާ އާއި ދެކޮޅަށް އޭސީމިލާން ކުޅުނު މެޗުން އެޓީމު މޮޅުވެއްޖެއެވެ.

މި މެޗުން މިލާން މޮޅުވީ ފިއޮރެންޓީނާ އަތުން 3-2 ގެ ނަތީޖާއަކުންނެވެ.

ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މިލާނުންނެވެ. މި ލަނޑު މެޗުގެ ނުވަވަނަ މިނެޓުގައި ޖަހައިދިނީ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން މެޗުގެ 17 ވަނަ މިނެޓުގައި އެރިކް ޕުލްގާ ވަނީ ލަނޑުޖަހާ ފިއޮރެންޓީނާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެޓީމުވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ފްރޭންކް ރިބެރީ ވަނީ ލަނޑެއް ޖަހައި، ފިއޮރެންޓީނާއަށް ލީޑު ނަގައިދީފައެވެ.

މިލާނުން މި މެޗުގައި ނަތީޖާ އެއްވަރުކޮށްފައިވަނީ އޭގެ ހަ މިނެޓު ފަހުން ބްރަހިމް ޑިއާޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ 72 ވަނަ މިނެޓުގައި ހަކަން ޗަނޮނޮގްލޫ ވަނީ ލަނޑެއް ޖަހައި، މިލާނަށް އަލުން ލީޑު ނަގައިދީފައެވެ.

މި ނަތީޖާތަކާއެކު މިލާން އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު 28 މެޗުން ލިބުނު 59 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އިންޓަ މިލާނަށް 27 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޔުވެންޓަސްއަށް 27 މެޗުން ލިބިފައިވަނީ 55 ޕޮއިންޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް