ބައިނަލްއަގްވާމީ ފެނުގެ ދުވަސް: ފެން ކުންފުނީގެ އަމާޒު ކޯވިޑް-19 އަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް

މިއަދަކީ ބައިނަލްއަގްވާމީ ފެނުގެ ދުވަސް ކަމުގައިވާއިރު މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ކޮންމެ އަހަރަކުވެސް މި ދުވަސް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގައެވެ. ނަމަވ...

22 Mar 2020 | 16:39

މިއަދަކީ ބައިނަލްއަގްވާމީ ފެނުގެ ދުވަސް ކަމުގައިވާއިރު މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ކޮންމެ އަހަރަކުވެސް މި ދުވަސް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގައެވެ.

ނަމަވެސް މި އަހަރު މި ދުވަސް ފާހަގަކުރުމުގައި އެ ކުންފުނީގެ މައިގަނޑު އަމާޒު ހުރީ މިހާރު މުޅި ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ އަދި ރާއްޖެއިންވެސް މިހާރު ފެނިފައިވާ ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަހަށް ދިވެހި ރައްޔިތުން އިތުރަށް ހޭލުންތެރި ކުރުވުމަށެވެ. އަދި ޞިއްޙީ މާހިރުން ދޭ ލަފަޔާ އެއްގޮތަށް ފަރުދީ ޒިންމާ އަދާކުރުމަށް ބާރު އެޅުމަށެވެ.

އެގޮތުން ކޯވިޑް-19 ސަލާމަތްވުމަށް ސިއްހީ މާހިރުން ލަފާދެނީ ރައްކާތެރިކަމާއެކު އަތް ދޮވުމަށެވެ. މިގޮތުން، ތިރީގައިވާ ކަންތަކަށް ސަމާލުކަން ދިނުން މުހިއްމު ކަމުގައި އެ ކުންފުނިން ދެކެ އެވެ. އަދި މިގޮތަށް އަމަލު ކުރުމަށް އެ ކުންފުނިން އިލްތިމާސް ކުރެއެވެ.

  • އަތްތިލަ މަދުވެގެން 20 ސިކުންތު ވަންދެން ސައިބޯނި ލައިގެން ރަނގަޅަށް ދޮންނަން ޞިއްޙީ މާހިރުން ލަފާދެއެވެ.
  • ސައިބޯނިން ދެ އަތް އުނގުޅާއިރު އަތްތިލައިގެ ފަހަތާއި، އިނގިލިތަކުގެ ދޭތެރެއާއި، ނިޔަފަތިތަކުގެ އަޑި ހިމެނުމަށް ސަމާލުކަން ދޭން ޖެހެއެވެ.
  • ފެން އިސްރާފު ނުވާގޮތަށް އަތްދޮންނަށް އާދަކުރުމަކީ މުހިއްމުކަމެކެވެ. މިގޮތުން، ސައިބޯނިލައިގެން 20 ސިކުންތު ވަންދެން އަތް އުނގުޅާއިރު، ފެން އިސްކުރު ބަންދުކޮށްފައި ބެހެއްޓުމުން ފެން އިސްރާފުވާ މިންވަރު ކުޑަވާނެއެވެ.
  • ޖަރާސީމާއި ވައިރަހުން އަތް އިތުރަށް ރައްކާތެރިކުރުމަށްޓަކައި، އަތް ދޮވުމަށްފަހު ޓިޝޫއަކުން ނުވަތަ ސާފު ތުވާއްޔަކުން ރަނގަޅަށް އަތް ހިއްކާލުންވެސް އެހާމެ މުހިއްމެވެ.
  • ސައިބޯންޏާއި އިސްކުރުފެން ނެތް ހާލަތެއްގައި، މަދުވެގެން 60% އަލްކަހޯލް ހިމެނޭ ސެނިޓައިޒަރ އެއް ބޭނުން ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. މުޅި އަތްތިލައިގެ ހުރިހާ ދިމާލެއް ސެނިޓައިޒް ކުރުމަށްޓަކައި މަދުވެގެން 20 ސިކުންތު އަތް އުނގުޅަންވާނެއެވެ.
  • ގިނަގިނައިން އަތް ދޮވުމަށް ބާރު އަޅާފައިވާ އިރު، ތިރީގައި ބަޔާންކުރެވިފައިވާ ދަނޑިވަޅުތަކުގައި އަތް ދޮވުމަށް އިތުރަށް ސަމާލުކަމެއް ދޭންވާނެއެވެ.
  • ކެއްސާ، ކިނބިހި އެޅުމަށް ފަހު އަދި ނޭފަތް ފޮޅުމަށް ފަހު
  • އާންމުން އެއްވެ އުޅޭތަނަކަށް ޒިޔާރާތްކޮށްފިނަމަ. (މިވަގުތު ގޭތެރޭގައި މަޑުކުރުމަކީ ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދީފައިވާ ގޮތް)
  • ގެއިން ބޭރުގައި، އެއްވެސް ކަހަލަ ތަނެއްގައި އަތްލުމަށްފަހު. ނުވަތަ ފައިސާގައި އަތްލުމަށްފަހު
  • ބަލި މީހަކަށް އެހީތެރިވުމުގެ ކުރިންނާއި، ބަލިމީހާ ބަލަމުންދާ ވަގުތު އަދި އޭގެ ފަހުން
  • ކެއުމުގެ ކުރިންނާއި ކެއުމުގެ ފަހުން

މީގެ އިތުރުންވެސް ޢާންމު ސާފުތާހިރުކަމަށްޓަކައި، އަތް ދޮންނަމުން ދިޔުމަކީ މުހިއްމުކަމެކެވެ.

  • ފާހާނާ ބޭނުންކުރުމަށްފަހު
  • ކެއުމުގެ ކުރިންނާއި ކެއުމުގެ ފަހުން
  • އުކާލެވޭ އެއްޗެހީގައި އަތްލުމަށް ފަހު
  • ގެންގުޅޭ ޖަނަވާރު ފަދަ އެއްޗެއްގައި އަތްލުމަށް ފަހު
  • ތުއްތު ކުދިންގެ ނެޕީ ބަދަލު ކުރުމަށްފަހު ނުވަތަ ކުޑަކުދިން ފާހާނާ ބޭނުންކުރުމަށް އެހީތެރިވެދިނުމަށްފަހު
  • ފެންނަ ފެނުމަށް އަތްތިލަ ހަޑިވެފައި ހުރިނަމަ

އަހަރެމެން ދިރިއުޅުމުގައި ފެނަކީ މުހިއްމު އެއްޗަކަށްވާއިރު ސާފު ރައްކާތެރި ބޯފެން އިސްރާފު ނުކޮށް ފެން ބޭނުންކުރަން އާދަކުރަންޖެހެއެވެ. އަދި ސާފު ރައްކާތެރި ބޯފެން ހޯދުމަށް އެތައް ސަތޭކަ މޭލަކަށް ދަތުރުކުރަންޖެހޭ ބަޔަކު މިދުނިޔޭގައި ދިރިއުޅެމުން އަންނަކަން އަހަރަމެން ހަނދާން ކުރަންޖެހެއެވެ.

ފެނުގެ ދުވަސް ފާހަގަކުރާއިރު، އެމްޑަބްލިއުއެސްސީން ދޫކުރާ ސަޕްލައި ފެން ނުވަތަ އިސްކުރު ފެނަކީ ސާފު ރައްކާތެރި ބޯ ފެނެއްކަން އެ ކުންފުނިން ރައްޔިތުންނަށް ޔަޤީންކޮށް އަރުވައެވެ. މިފެން ތައްޔާރުކުރަނީ ޑަބްލިޔު.އެޗް.އޯ އަދި  ރާއްޖެގައި ކަނޑައެޅިފައިވާ މިންގަޑނޑުތަކާއި ގަވާއިދަށް ފައްތައިގެން، ބޯން ރައްކާތެރި ގޮތަށެވެ. އަދި މިކުންފުނީގެ ލެބޯޓްރީއިން ކޮންމެ ދުވަހަކު ފެނުގެ ކޮލެޓީ ޗެކްކުރަމުން އަންނަކަންވެސް އެ ކުންފުނިން ފާހަގަ ކުރެއެވެ.

ކޯވިޑް-19 ބައްޔާ ދެކޮޅަށް ތެދުވެވޭނީ ސާފުތާހިރު ކަމުގެ އާދަތަކުގައި ހިފައިގެންނެވެ. އަދި ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތައް އަޑުއަހާ، ބޯލަނބަލުމުން ދިޔުމަކީ އަޅުނގަޑުމެންނަށް މިވަގުތު ކުރުން މުހިއްމު ފަރުދީ ޒިންމާއެކެވެ.

އަޅުގަނޑުމެންގެ ދުޢާއަކީ މިދިވެހި ޤައުމާއި، ދިވެހި ރައްޔިތުންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މީހުން މިބަލިމަޑުކަމުން ރައްކާތެރިކޮށްދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް