އެމިރޭޓްސް އެއާލައިންގެ ހުރިހާ ދަތުރުތަކެއް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފި އެވެ.
އެމިރޭޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަސިންޖަރުން އުފުލަން ކުރާ ހުރިހާ ދަތުރުތަކެއް މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ އެއާލައިންގެ ސްކައިކާގޯގެ ހިދުމަތް ކުރިއަށްދާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.
އެމިރޭޓްސް އިން ބުނީ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމީ މި ދުވަސްވަރު ދަތުރުކުރާ މީހުންގެ އަދަދު މަދުވުމާއި ބައެއް ގައުމުތަކަށް ދަތުރުކުރުން މަނާކޮށްފައިވާތީ ދިމާވަމުންދާ ދަތިތަކާ ގުޅިގެން ކަމަށެވެ. އަދި މިއީ ވިޔަފާރި ދެމެހެއްޓުމާއި ވަޒީފާތައް ހިމާޔަތްކުރުމަށް، މި ނޫން އެހެން ގޮތެއް ނެތިގެން އެޅި ފިޔަވަޅެއް ކަމަށެވެ.
ދަތުރުތައް މެދުކަނޑާލިޔަސް އެއާލައިންގެ މުވައްޒަފުން މަދުކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ވަޒީފާގެ ޔަގީންކަން މުވައްޒަފުންނަށް އޮންނާނެ ކަމަށް އެމިރޭޓްސްގެ ބަޔާނުގައި ވެއެވެ. އަދި ދަތުރުތައް މެދުކަނޑާލުމުން ލިބޭނެ ދަތިތަކަށް މާފަށް އެދޭ ކަމަށާއި ހާލަތު ރަނގަޅުވުމުން އަލުން ދަތުރުތައް ފަށާނެ ކަމަށް ވެސް އެމިރޭޓްސްއިން ބުނެއެވެ.
ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 13 މީހަކު ރާއްޖޭން މިހާތަނަށް ފެނިފައިވާއިރު އޭގެތެރެއިން ތިން މީހަކު ވަނީ މި ބަލިން ފަސޭހަވެފައެވެ. މުޅި ދުނިޔެ އަށް ބަލާއިރު މިހާތަނަށް 318،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހި 13،600 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް