ކޯވިޑް-19 އާއި މެދު ދިވެހިން ސަމާލުވެ ރައްކާތެރިވާންވީ މިންވަރަކީ މިދިޔަ ހަތަރު ދުވަސް ތެރޭ ބަލި ޖެހުނު މީހުން އަދަދު ކަމަށް ކަމަށް ކޯވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ވޫހާން ސިޓީއަށް އުފަންވި ކޯވިޑް-19 އެ ގައުމުގައި ކޮންޓްރޯލް ކުރެވިފައި ވީނަމަވެސް މި ބަލި ދުނިޔޭގެ އެހެން ގައުމުތަކުގައި ފެތުރުން ހުރީ ބިރުވެރިކަން ބޮޑު މިންވަރަކަށެވެ. ހާއްސަކޮށް މިދިޔަ ހަތަރު ދުވަހުގެ ތެރޭގައި ކުއްލިއަކަށް ބަލި ޖެހުނު މީހުންގެ އަދަދު އިތުރުވުމަކީ މުޅި ދުނިޔެ މި ބައްޔާމެދު ސީރިއަސްކޮށް ވިސްނަން ޖެހިފައިވާ ކަމެއްކަމަށް ސިއްހީ ތަޖުރިބާ ކާރުން ދަނީ ބުނަމުންނެވެ.
މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ފެނުނު ވައިރަހަށް ޕޮޒިޓިވް މީހުންގެ އަދަދު 200،000 އަށް އެރީ މިމަހު 18 ގަ އެވެ. މީގެ ދެ ދުވަސްކުރިއަށް ބަލާއިރު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދަކީ 250،000 އެވެ.
ބަލި ޖެހުނު މީހުންގެ އަދަދު މިއަދު 308،615 އަށް ވަނީ އަރާފައި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު މަބްރޫކް ވިދާޅުވީ ސަރުކާރު ބަންދުކޮށް ގޭގައި ތިބެން އެންގުމުން އެކަމަށް އެދެވޭ އެއްބާރުލުމެއް ރައްޔިތުންގެ ފަރާތުން ދެމުން ނުދާ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ޕޮސިޓިވްވާ މީހުންގެ އަދަދު ހިފެހެއްޓިފައި މިވަނީ އެޗްޕީއޭއިން އަޅަމުންދާ ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.
އެކަމަކު ދުނިޔޭގައި މި ބަލި ފެތުރުމާއި ރާއްޖެއިން ބޭރުން ގިނަ އަދަދެއްގެ ދިވެހިން ރާއްޖެ އަންނަ އައުމަކީ ބިރުވެރިކަން އިންތިހާއަށް އޮތް ކަމެއް ކަމަށެވެ. މަބްރޫކް ވިދާޅުވީ ރާއްޖެ އަންނަނީ ކޮންމެ ފަދަ ހާލަތަކަށް ވެސް ތައްޔާރުވަމުން ކަމަށެވެ.
ސަރުކާރުން ވަނީ ރާއްޖެ އަންނަ ޓޫރިސްޓުން ފިޔަވާ ހުރިހާ އެންމެން ކަރަންޓީން ކުރަން ނިންމާފައި އެވެ. އެއީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށެވެ.
ދުނިޔޭގެ ގައުމުތަކުގައި ބަލި ފެތުރެމުންދާ ނުރައްކާތެރި މިންވަރަށް ބަލާއިރު ވައިރަސް އުފަންވި ޗައިނާގައި ބަލި ކޮންޓްރޯލް ކުރެވުނު އިރު 81،054 މީހުންނަށް ވަނީ ޖެހިފަ އެވެ. ޗައިނާ އިން މަރުވެފައި ވަނީ 3،261 މީހުންނެވެ.
މިހާރު އެންމެ ހަލުވިކަމާއި އެކު މި ބަލި ފެތުރެމުންދަނީ ޔޫރަޕްގެ ގައުމުތަކުގައި އެވެ. އެގޮތުން އިޓަލީގައި 53،578 މީހަކަށް ވައިރަސް ޖެހިފައިވާއިރު 4،825 މީހުން ވަނީ މަރުވެފައި އެވެ. ސްޕޭންގައި 25،496 މީހުން ބައްޔަށް ޕޮސިޓިވްވެފައިވާއިރު 1،381 މީހުން ވަނީ މަރުވެފައި އެވެ.
ދެން އެންމެ ގިނަ މީހުން މަރުވެފައިވަނީ އިރާނުންނެވެ. އެގައުމުން 20،610 ބަލިޖެހުނު އިރު 1،556 މީހުން މިހާތަނަށް ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް