ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ޗައިނާއަށް ދިޔަ ބެލްޖިއަމްގެ ފުޓުބޯޅަ ކުޅުންތެރިޔާ މައުރޯނޭ ފެލައިނީ ވައިރަހަށް ޕޮސިޓިވްވީ ރާއްޖެއިން ދިޔަފަހުން ކަމަށް ބެލެވޭ ކަމަށް ސަރުކާރުން ބުނެފި އެވެ.
އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އައީ މިމަހުގެ އަށް ވަނަ ދުވަހު އެވެ. ރީތި ރަށް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރައިގެން ފެލައިނީ ގޮސްފައިވަނީ މިމަހުގެ12 ވަނަ ދުވަހު އެވެ. އޭނާ ބައްޔަށް ޕޮސިޓިވްވިކަން ހާމަ ކުރީ މިމަހުގެ20 ވަނަ ދުވަހު އެވެ.
ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ އޭނާ ރާއްޖެއިން ގޮސްފައިވާ ތާރީހާއި ބައްޔަށް ޕޮސިޓިވްވި ތާރީހަށް ބަލާއިރު އޭނާއަށް ބަލި ޖެހިފައިވަނީ ރާއްޖެއިން ދިޔަ ފަހުން ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެކަމަކު އޭނާ ރާއްޖެއިން ފުރި ތާރީހަށް ބަލައި އަދި 14 ދުވަހުގެ މުއްދަތު ބަލާއިރު އޭނާ އަށް އެ ބަލި ޖެހިފައި އޮވެދާނެ ކަމަށް ބެލެވޭ އެންމެ އަވަސް ތާރީހަކީ މި މަހުގެ ހަ ވަނަ ދުވަސް ކަމަށެވެ.
އެހެންކަމުން ރިސޯޓުގައި އޭނާ ޗުއްޓީ ހޭދަ ކުރި އިރު މުއާމާލާތް ކުރި މީހުންނާއި އެނޫންވެސް ގުޅުން ހުރި ފަރާތްތައް ހޯދުމުގެ މަސައްކަތް އެޗްޕީއޭއިން ރީތިި ރަށް ރިސޯޓުގައި ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު އޭގެ ތެރެއިން އެކަކު ހުރީ އެކަހެރި ކުރެވިފައި ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.
އޭނާއަށް ބަލި ޖެހިފައިވާކަން ހާމަކުރީ ޓުވިޓާގައި ކުރި ޕޯސްޓެއްގައި އެވެ.
ފެލައިނީ ކުޅެނީ ޗައިނާގެ އުތުރުގެ ޝަންޑޮން ޕްރޮވިންސްގެ ޖިނާން އަށް ނިސްބަތްވާ ކްލަބެއް ކަމަށްވާ ޝަންޑޮން ލުނެން އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް