ކޯވިޑް-19: މާލޭގައި ކަށުނަމާދު ކުރާނީ ދެ މިސްކިތެއްގައި: ސިޓީ ކައުންސިލް

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން ވަގުތީ ގޮތުން ހުއްޓާލާފައި ވާތީ އެ މުއްދަތުގައި ކަށު ނަމާދު ކުރާނީ މާލޭގެ ދެ މިސްކިތެއްގައި ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ....

22 Mar 2020 | 08:58

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން ވަގުތީ ގޮތުން ހުއްޓާލާފައި ވާތީ އެ މުއްދަތުގައި ކަށު ނަމާދު ކުރާނީ މާލޭގެ ދެ މިސްކިތެއްގައި ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

އެއީ މާލޭ އާސަރަހާ މިސްކިތާއި ހުޅުމާލޭ ސަހަރާ މިސްކިތެވެ. ޖަމާއަތުގައި ނަމާދު ކުރުން އިސްލާމިކް މިނިސްޓްރީން ހުއްޓާލާފައިވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން މިމަހުގެ28 ވަނަ ދުވަހުގެ އަސުރު ނަމާދާއި ހަމައަށެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ މި ދެ މިސްކިތުގައި ކަށުނަމާދު ކުރެވޭނީ ފަރުޟު ނަމާދަކަށް ބަންގި ގޮވާތާ ބައިގަޑިއިރު ފަހުން ކަމަށެވެ. އަދި މައްޔިތާ ސަހަރާ އަށް ގެންދިއުމަށް ފަހު ވީއެންމެ އަވަހަކަށް ކަށުކަމާކެމީގެ ކަންކަން ނިންމައި ވަޅުލުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށަފައި އެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލެ އާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުން ހުއްޓާލީ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް ގިނަ މީހުން އެއްވެ އުޅުން ރަނގަޅު ނޫންކަމަށް އެޗްޕީއޭއިން އިރުޝާދު ދީފައިވާތީ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެގޮތަށް ނިންމީ ދީނީ އިލްމުވެރިންނާއި އިސްލާމީ ފަތުވާދޭ މަތީ މަޖިލީހާއި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

ސިއްހީ މާހިރުން ލަފާ ކުރާގޮތުގައި ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ބަލި ފެތުރިފައިވާކަން ނުވަތަ ނުފެތުރޭކަން އެނގިގެންދާނެ މުއްދަތެެވެ. އެހެންވެ އެޗްޕީއޭއިން ދަނީ ވައިރަސް ފެތުރުނަ ނުދިނުމަށް ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާނު ކުރުމަށް ފަހު ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަނީ މީހުން އެއްވެގެން ކުރެވޭ ހުރިހާ ކަމެއް ކުރުން މަނާކޮށްފައި އެވެ. އެގޮތުން ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަންދު ކުރުމާއި ގެސްޓު ހައުސްތަކަށް ޓޫރިސްޓުން ގެނައުން މަނާ ކުރުމާއި މީހުން ދިރިއުޅޭ ރަށްރަށަށް ޓޫރިސްޓުން ދިއުމާއި އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރު ކުރުން ފަދަ ކަންކަން ވަނީ މަނާކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް