މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ހުސްވެފައިވާ މެންބަރު ކަމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާ ކުރުމަށް ފަހު މަޝްހޫރު ޕްރެސެންޓަރު ޝިފްލާ އިބްރާހިމް އަނެއްކާވެސް ބާކީ ކޮށްލައިފި އެވެ.
ޝިފްލާ ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށް އެ ދާއިރާއިން މާސްޓާސް ހަދާފައި އެވެ. ސަންގު ޓީވީގައި ޕްރެސެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ޝިފްލާ ވަނީ ދައުލަތުގެ މީޑިއާގައިވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައި އެވެ.
ރައީސް މަޖިލީހަށް ފޮނުއްވި ލިސްޓުގެ ކުރީގައި އޮތީ ޝިފްލާގެ ނަމެވެ. ދެވަނައަށް އޮތީ ވީމީޑިއާގެ ސީނިއާ އެޑިޓަރު އާމިނަތު އަމީނާ (އަނާ) ގެ ނަމެވެ.
ޝިފްލާ ލިސްޓުން ކަޓުވާލުމަށް ފަހު އަނާ ވަނީ ލިސްޓުގެ އެއްވަނައަށް ގެނެސްފައި އެވެ. ލިސްޓުގެ ދެވަނައަށް ގެނެސްފައިވަނީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީންގެ ނަމެވެ.
ކޮމިޓީން ދިރާސާ ކުރުމަށް ފަހު އެކުލަވާލާފައިވާ ލިސްޓުގެ ތިން ވަނައިިގަ އޮތީ ޒުބައިރު އަހުމަދު މަނިކުއެވެ. ހަތަރު ވަނައިގަ ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު އޮތް އިރު ފަސް ވަނައިގަ އޮތީ އިސްމާއިލް ސާޖިދު އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް ޝިފްލާ ކުރިމަތިލީ މިއީ ދެވަނަ ފަހަރެވެ. ފުރަތަމަ އޭނާ ކުރިމަތިލީ ފަހަރުވެސް ލިސްޓުގައި ރައީސް އިސްކަން ދެއްވާފައިވަނީ އޭނާ އަށެވެ. އެކަމަކު މަޖިލީހުން ޝިފްލާގެ ބަދަލުގައި ރުހުން ދީފައިވަނީ އެމްޑީޕީގެ ކުރީގެ އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު ގައިސް އަށެވެ.
އެ ކޮމިޝަނުގައި ހަތް މެންބަރުން ތިއްބަވައެވެ. މި ސަރުކާރު ބަދަލުވިފަހުން އެ ކޮމިޝަނުގައި ކުރިން ތިއްބެވި ބައެއް މެންބަރުން ވަކިކޮށްފައިވެ އެވެ. އެ މަގާމުތަކަށް އައްޔަން ކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ގައިސްގެ އިތުރުން މަރިޔަމް ވަހީދާ އަދި އަލީ ޔޫސުފް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް