އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދަން ނިންމައިފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ލޭ ލިބުން ދަތިވެ ތެލެސީމިއާ ކުދިންނަށް ވަނީ ގިނަ ތަކުލީފުތަކެއް ލޭ ހޯދަން ކުރަން ޖެހިފަ އެވެ. އެހެންވެ އިއްޔެވެސް ތެލެސީމިއާ ސެންޓަރުން ވަނީ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައި އެވެ.
ޕީޕީއެމް އިން ބުނީ ތެލަސީމިއާ ސެންޓަރަށް ލޭ ހޯދުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެ ކޯލިޝަނުން މިއަދު ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދާނެ ކަމަށެވެ. ކޯލިޝަންގެ ހުރިހާ ސަޕޯޓަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، ވީހާވެސް ގިނަ ބަޔަކު އެ ގަޑިއަށް ލޭ ހަދިޔާ ކުރުމަށް ދިއުމަށް އިލްތިމާސްކޮށްފައިވެ އެވެ.
މި ޕްރޮގްރާމް ކުރިޔަށް ގެންދަން ނިންމާފައިވަނީ މެންދުރު ފަހު2:30 ން ފެށިގެން ތެލަސީމިއާ ސެންޓަރުގައި އެވެ.
https://twitter.com/ppm_progressive/status/1241342802920763393
ތެލަސީމިއާ ކުދިންނަށް ކޯވިޑް-19 އާއި ގުޅިގެން ލޭ ލިބުމުގައި ދަތިތަކާއި ދިމާވެގެން އުޅެނީ ރިސޯޓުތަކުން މީހުން ނުފޭބޭ ގޮތަށް ބަންދު ކުރުމާއި ގުޅިގެންނެވެ.
އެ ސެންޓަރުން ބުނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވަރަށް ގިނައިން ލޭ ހަދިޔާ ކުރާ ބައެއް ކަމަށެވެ. އަދި އެފަދަ ކޭމްޕްތައް ރިސޯޓުތަކުގައި ވަރަށް ގިނައިން ހިންގާ އެވެ.
އިއްޔެ ތެލެސީމިއާ ސެންޓަރުން ބޭއްވި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމަށްވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ބުނެ އެވެ. އެގޮތުން ގާތްގަނޑަކަށް80 އަށްވުރެ ގިނަ މީހުން އިއްޔެގެ ޕްރޮގްރާމްގައި ލޭ ހަދިޔާ ކޮށްފައިވާ ކަމަށް ތެލެސީމިއާ ސެންޓަރުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް