ހޯމް އައިސޮލޭޝަންގައި ތިބި ބައެއް ސަރުކާރުގެ ފެސިލިޓީތަކަށް ބަދަލު ކުރަނީ

ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުގެ ތެރެއިން ހޯމް އައިސޮލޭޝަންގައި ތިބެން އަންގާފައި ތިބި މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލައި ސަރުކާރުގެ ކަރަންޓީން ފެސިލިޓީތަކަށް ބަދަލު ކުރަން ނިންމައިފި އެވެ. ރައީ...

22 Mar 2020 | 02:24

ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުގެ ތެރެއިން ހޯމް އައިސޮލޭޝަންގައި ތިބެން އަންގާފައި ތިބި މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލައި ސަރުކާރުގެ ކަރަންޓީން ފެސިލިޓީތަކަށް ބަދަލު ކުރަން ނިންމައިފި އެވެ.

ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ އެގޮަތަށް ނިންމީ މާލޭގެ ބައެއް ގޭގައި ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އައިސޮލޭޝަންގައި މީހަކަށް ހުރެވޭނެ ވަރުގެ ޖާގަ ނުހުންނަ ގޭގެ ހުންނާތީ ކަމަށެވެ. އޭނާ ވިދާޅުވި އިއްޔެއިން ފެށިގެން އެޗްޕީއޭގެ ޓީމުތައް މާލޭގެ އެކި ސަރަހައްދުތަކުގައި ގޭގައި އައިސޮލޭޓްކޮށްފައި ތިބި މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލައި އެމީހަކު ބަދަލު ކުރަން ޖެހޭނަމަ އެކަން އަންގާނެ ކަމަށެވެ.

ގޭގައި އައިިސޮލޭޓްކޮށްފައި ތިބި، އަލާމާތްތައް ފެންނަ ބައެއް މީހުން ވައިރަހަށް ޓެސްޓު ކުރަންވެސް ވަނީ ނިންމާފަ އެވެ. މަބްރޫކް ވިދާޅުވީ އިއްޔެ އެ މަސައްކަތް ކުރަން އައިޖީއެމްއެޗާއި އެޗްޕީއޭގެ ޓީމްތައް އެމްބިއުލާންސްތަކުގައި ގޭގައި ގޮސްފައިވާނެ ކަމަށާއި އެއީ އެއްވެސް ސީރިއަސް މައްސަލައެއް ދިމާވެގެން ދިޔަ ދިޔުންތަކެއް ނޫން ކަަމށެވެ.

މާލެއަކީ ތޮއްޖެހިފައިވާ ތަނެއް ކަމުން ފެށުނީންސުރެ ބުނަމުން އައީ އައިސޮލޭޓްވެގެން ގޭގައި ތިބެވޭނެ އިންތިޒާމްތަކާއި ޖާގަ ނުހުންނާނެ ވާހަކައެވެ. އަދި ގޭގައި އައިސޮލޭޓްކޮށްފައި ބަހައްޓާ މީހެއްގެ ފުށުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ބައެއް މީހުން ބުނަމުން ދިޔަ އެވެ.

މީގެ އިތުރުން ހޯމް ކަަރަންޓީންގައި ބައިތިއްބާ ބައެއް މީހުން ގޭގައި މަޑު ނުކުރާ މައްސަލަވެސް ދަނީ އިތުރުވަމުންނެވެ. ގޭގައި މަޑު ނުކުރާނަމަ އެމީހަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެ އެވެ.

އެގޮތުން އެމީހެއްގެ ޒާތީ މައުލޫމާތު އާންމު ކުރުމާއި5،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.

ސަރުކާރުން ގެންދަނީ ކޯވިޑް-19 އާއި ގުޅިގެން މީހުން ކަރަންޓީން ކުރަން ބޭނުންވާ ޖާގަތައް އިތުރު ކުރަމުންނެވެ. އެގޮތުން މިިހާރު ކަރަންޓީން ފެސިިލިޓީގެ ގޮތުގައި10 ތަނެއް ބޭނުން ކުރެއެވެ.

އޭގެ ތެރޭގައި ގިނައީ އަމިއްލަ ފަރާތްތަކުން ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރަން ދީފައި ހުރި ރިސޯޓުތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް