އިންޑިއާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ހުންނަން ޖެހޭ: ބައެއް މެމްބަރުން

ރާއްޖޭގައި އިންޑިއާ ނުވަތަ އެހެން ބޭރުގެ އަސްކަރީ މަރުކަޒެއް ހުންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ. މިކަމާއި ގުޅޭގޮތުން މެމްބަރުން ވާހަކަ ދެއްކެވީ އުތުރުތިލަ...

22 Feb 2021 | 12:53

ރާއްޖޭގައި އިންޑިއާ ނުވަތަ އެހެން ބޭރުގެ އަސްކަރީ މަރުކަޒެއް ހުންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.

މިކަމާއި ގުޅޭގޮތުން މެމްބަރުން ވާހަކަ ދެއްކެވީ އުތުރުތިލަފަޅުގައި އިންޑިއާއިން ބަނދަރަކއި ޑޮކްޔާޑެއް ތަރައްގީ ކުރުމަށް ސޮއި ކުރި އެއްބަސްވުން ހާމަ ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ. މި ކުއްލި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެވެ.

މި މައްސަލައިގަ ވާހަކަ ދައްކަވަމުން މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވީ އިންޑިއާއިން އެފަދަ ބަނދަރެއް ރާއްޖޭގައި ތަރައްގީކުރުމަކީ، ދިވެހި ސިފައިންނަށާއި ގައުމަށް ލިބޭނެ ފައިދާއެއް ކަމަށެވެ. އަދި އެކަމުގައި އޭނާއަށް ދެރައީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް އެޅުމަށް ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭރުގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ގާއިމް ކުރުމުން ބޭރުގެ އިންވެސްޓްމަންޓްތައް ރައްކާތެރި ކުރެވޭނެ ކަމަށެވެ. ބޭރުގެ އަސްކަރީ މަރުކަޒުތައް ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ހުންނަކަމަށާއި އެހެން ކަމުން އިންޑިއާގެ އަސްކަރީ މަރުކަޒެއް ހުންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖެ ކޮންމެ ހާލެއްގައި ޖެހޭއިރު އެންމެ ފުރަތަމަވެސް އެހީތެރިކަމެއް ދިއްކޮށްލާ ބަޔަކީ އިންޑިއާ ކަމަށެވެ. ޒަމާނުއްސުރެ އެކުވެރިކަމުގައި އޮތް ރާއްޖެ އާއި އިންޑިއާގެ ގުޅުމާމެދު ބަޔަކު ކަންބޮޑުވެގެން އުޅެނީ އުތުރުތިލަފަޅުގައި ބަނދަރު އެޅުމުން އޭގެ ސަބަބުން އެބަޔަކު ކުރަމުން އައި ކަންކަމަށް ދަތިވާނެތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގަ ވާހަކަ ދައްކަވަމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ އިންޑިއާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ހެދުމަށް އޭނާ ތާއީދު ކުރައްވާ ކަމަށެވެ. ޖާބިރު ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާގެ އެހީތެރިކަމަކީ މިއަދު އެކަނި ރާއްޖެއަށް ލިބެމުން އަންނަ އެހީއެއް ނޫން ކަމަށާއި ޒަމާނުންސުރެ އެމީހުންގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އިންޑިއާ އަސްކަރިއްޔާ އިން ބޭނުންވާ ނަަމަ ރާއްޖޭގައި ރެޖިސްޓްރީ ކޮށްގެން އިންޑިއާގެ މިލިޓަރީ ބޭހެއް އަޅަން އޭނާ އާއި ކާށިދޫ ދާއިރާގެ ރައްޔިތުންގެ މައްސަލައެއް ނެތް ކަމަށާއި އިންޑިއާއިން އަބަދުވެސް ރާއްޖެ އާއި މެދު ކަންތައް ކުރަމުންދަނީ ވަރަށް އޯގާތެރިކަމާއި އެކު ކަމަށެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގައި އޮންނަނީ ވަރަށް ކުޑަކުޑަ އަސްކަރިއްޔާއެއް ކަމުން ރާއްޖޭގެ ދިފާއީ ނިޒާމު ބާރުގަދަ ކުރުމަށް އިންޑިއާގެ އެހީތެރިކަން ބޭނުންވާ ކަން ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ގަބޫލު ކުރާނެ ކަމަށެވެ. އެ ކަން ކުރުމުގެ ގޮތުން އިންޑިއާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ގާއިމް ކުރުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ޖަލްސާގައި ކުއްލި މައްސަލައަށް ބަހުސް ކުރެއްވި މެމްބަރުންގެ ތެރެއިން މިކަމާއި ދެކޮޅަށް ވާހަކަދައްކަވާފައިވަނީ އިދިކޮޅު މެމްބަރުންނެވެ.

ޝިޔާމް ހުށަހެޅުއްވި މައްސަލައިގަ ވިދާޅުވީ އިންޑިއާ އާއި އެކު ހެދި އެއްބަސްވުން ހާމަ ކުރަން ޖެހޭ ކަމަށެވެ. ޝިޔާމް ވިދާޅުވީ އަސްކަރިއްޔާތަކުގެ ދެމެދުގައި ހިނގާ މިފަދަ އެއްބަސްވުންތަކަކީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ރުހުން ދިނުމަށް ފަހު، ގާއިމް ކުރެވެން ޖެހޭނެ އެއްބަސްވުންތަކެއް ކަމަށެވެ.

ޝިޔާމްގެ މައްސަލައިގަ ބުނެފައިވަނީ މި އެއްބަސްވުން މަޖިލީހަށް ފޮނުވައި ދިރާސާ ކުރުމުގެ މަރުހަލާ ކުރިޔަށް ގެންދަން ޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް