ކުނި މެނޭޖްކުރާ މަރުކަޒު ހެދުމަށް އުތުރުގެ ހަތަރު ރަށެއްގެ ކައުންސިލާއި ހަވާލުކޮށްފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިއީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއުތަކެއް ކަމަށެވެ. މި މަޝްރޫއުތައް ކުރިޔަށް ގެންދަން ނިންމާފައިވަނީ ފަސް މިލިއަން ރުފިޔާ އަށް ވުރެ ކުޑަ މަޝްރޫޢުތައް އެރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލްތަށް މެދުވެރިކޮށް ކުރިޔަށް ގެންދިއުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ނެވެ.
މިއަދު ކުނި މެނޭޖްކުރާ މަރުކަޒު ގާއިމް ކުރަން ހަވާލުކޮށްފައިވަނީ ހއ. ފިއްލަދޫ، ބާރަށް، ށ. ފުނަދޫ އަދި ކޮމަންޑޫގައި އެވެ. މި އެއްބަސްވުންތަކުގައި ކައުންސިލްތަކާއި އެންވަޔަރަމަންޓު މިނިސްޓްރީ އާއި ދެމެދު ސޮއި ކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންދިޔައީ އޮންލައިންކޮށެވެ.
މި ހަތަރު މަޝްރޫއުގެ ޖުމްލަ އަގަކީ 3.5 މިލިއަން ރުފިޔާ އެވެ.
މި އެއްބަސްވުންތަކުގެ ދަށުން އެ ރަށެއްގައި ހަދާ ކުނި މެނޭޖްކުރާ މަރުކަޒު ހެދުމުގެ މަޝްރޫއުގެ ހުރހާ ކަމެއް ކުރުމަށް ހަމަޖެހިފައިވަނީ އެކައުންސިލަކުންނެވެ. އެގޮތުން އެރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމަށް ޓެންޑާކޮށް ކޮންޓްރެކްޓަރު ޢައްޔަންކުރުމާއި އެފަރާތާއި އެކު އެއްބަސްވުންތަކުގައި ސޮއިކުރާނީ ރަށު ކައުންސިލުންނެވެ.
އަދި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) ނުވަތަ އެންވަޔަރަންމަންޓް މެނޭޖްމަންޓް ޕްލޭން (އީ.އެމް.ޕީ) ހަދަންޖެހޭނަމަ އެމަސައްކަތްތައްވެސް ކަނޑައެޅިފައި އޮންނަ އުޞޫލުން ކުރިއަށްގެންދާނީ އެރަށެއްގެ ރަށުކައުންސިލަކުންނެވެ. މި އެއްބަސްވުމުގެ ދަށުން އެންވަޔަރަމަންޓު މިނިސްޓްރީގެ ދައުރަކީ ކޮންމެ ރަށެއްގައިވެސް މަޝްރޫޢު ކުރިއަށްދާގޮތް ބަލާ މޮނިޓާ ކުރުމާއި އެރަށަކަށް ބޭނުންވާ ބަޖެޓް ހަމަ ޖެހިފައި އޮންނަ އުޞޫލުން އެރަށެއްގެ ކައުންސިލަށް ޓްރާންސްފާ ކުރުމެވެ.
އެހެންކަމުން ކޮންޓްރެކްޓަރުންގެ ބިލްތަކަށް ފައިސާ ދެއްކުމަކީވެސް ރަށު ކައުންސިލްގެ ދައުރެއްގެ ގޮތުގައި އެއްބަސްވުންތަކުގައި ކަނޑައަޅާފައިވެ އެވެ. އަދި މަރުކަޒު ގާއިމުކޮށްނިމުން އެތަންތަނާއި އަދި އެތަންތަނުގައި ބެހެއްޓޭ އިކުއިޕްމަންޓްތައް ކައުންސިލްގެ މިލްކެއްގޮތުގައި ހަމަ ޖައްސާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް