އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާތަކުގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުން ކޯވިޑް-19 ވެކްސިން ޖެހުމަށް ރެޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެޗްޕީއޭއިން މިއަދު ބުނީ އަމިއްލަ ކުންފުނިތަކާއި ކެފޭ، ރެސްޓޯރެންޓާއި، ކްލަބް ޖަމިއްތާތަކާއި، ދަނޑުވެރިކަމާއި މަސްވެރިކަމުގެ އިތުރުން ޓޫރިސްޓުންނަށް ހިދުމަތްދޭ އަމިއްލަ ކުންފުނިތަކަށް ކޯވިޑް ވެކްސިނަށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި ފަރާތްތަކުގެ އިތުރުން ދާނުގައި ތިބޭ މީހުންގެ އެހީ ތެރިން ވެކްސިން ޖެހުމަށް ރެޖިސްޓްރީވުމަށް އެދިފައިވެ އެވެ.
އެޗްޕީއޭއިން ބުނީ މި ފަރާތްތަކައް މާލެ ސަރަހައްދުގައި ވެކްސިނަށް ރެޖިސްޓްރީ ކުރުން ފަސޭހަ ކޮށްދިނުމަށް އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ދަނޑުވެރިކަމާއި މަސްވެރިކަމާއި ގުޅުންހުރި ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން އީމެއިލް މެދުވެެރިކޮށް އަދި ފޯނުން ފިޝަރީޒް މިނިސްޓްރީއަށް ގުޅައިގެން ރެޖިސްޓްރީވުމަށް އެދިފައިވެ އެވެ. އަމިއްލަ ކުންފުނިތަކާއި، ކެފޭ ރެސްޓޯރެންޓުތަކުގެ މުވައްޒަފުންނާއި ފިހާރަތަކުގެ މުވައްޒަފުން ވެކްސިން ޖެހުމަށް ގުޅައި އީމެއިލް ކުރަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީއަށެވެ.
ކުޅިވަރު ކްލަބްތަކާއި ޖަމިއްޔާ ޖަމާއްތަކުގެ މުވައްޒަފުންނަށް ކޯވިޑް ވެކްސިން ޖެހުމަށް ރެޖިސްޓްރީ ކުރުމަށް އީމެއިލްކޮށް ގުޅަން ޖެހެނީ ޔޫތް މިނިސްޓްރީއަށެވެ. އަދި މި މަސައްކަތްތައް ހުޅުމާލޭގައި ކުރާ ފަރާތްތަކުން ވެކްސިނަށް ރެޖިސްޓްރީވާން ގުޅަން ޖެހެނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށެވެ.
އެޗްޕީއޭއިން ބުނީ މި ތަންތަނުގައި ރެޖިސްޓްރީވުމުން އެ ފަރަތްތަކަށް ވެކްސިން ޖަހަން ސެންޓަރުތަކަށް ދާނެ ގަޑި ހަމަޖައްސައިދީ އަންގަމުން ދާނެ ކަމަށެވެ. އޭރުން ކިޔުގައި ނުޖެހި ވަގުތު ސަލާމަތް ވާނެ އެވެ.
މީގެ އިތުރުން ވެކްސިނަށް ޕޯޓަލްގައި ރެޖިސްޓްރީ ކޮށްފައި ފަރާތްތަކުން އިއުލާނުކޮށްފައިވާ އުމުރު ފުރާ ހަމަވާނަމަ ސެންޓަރުތަކަށް ގޮސް ވެކްސިން ޖެހޭނެ ކަމަށް ބުނެ އެވެ.
މިހާތަނަށް ރާއްޖޭގައި 75،000 އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ވެކްސިން ދީފައިވެ އެވެ. ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް