ކުރިޔަށް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް މުއްދަތު ހަމަވި އިރު 1،700 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފި އެވެ.
އިންތިހާބުގެ ވޯޓާސް ލިސްޓު އާންމު ކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. އެ މުައްދަތު ހަމަވީ މިމަހުގެ 20 ވަނަ ދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މުއްދަތު ހަމަވިއިރު 1،758 ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. ހުށަހަޅާފައިވަނީ ކޮން ކަހަލަ ޝަކުވާތަކެއް ކަމެއް ހާމައެއް ނުކުރެ އެވެ. އާންމުކޮށް ވޯޓާސް ލިސްޓާއި ގުޅިގެން ހުށަހަޅާ ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ ވޯޓާސް ލިސްޓުގައި ނަން ނޯންނަ މައްސަލަ އާއި މަރުވެފައި ތިބޭ މީހުން ލިސްޓުގައި ހިމަނާފައި އޮންނަ މައްސަލަ އެވެ.
އީސީން ބުނީ ހުށަހަޅާފައިވާ ޝަކުވާތަކަށް ޖަވާބުދީ، ލިސްޓު އިސްލާހު ކުރުމަށް ފަހު މިމަހުގެ 28 ވަނަ ދުވަހު ދެވަނަ ފަހަރަށް ވޯޓާސް ލިސްޓު އާންމު ކުރާނެ ކަމަށެވެ. އަދި އޭގެ ފަހުގައި ގެންނަ ބަދަލުތަކާއި އެކު ފައިނަލް ވޯޓާސް ލިސްޓު އާންމު ކުރުމަށް ފަހު އަންނަ މަހު ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށްރަށުގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން ރެޖިސްޓްރީވުމަށް ހުޅުވާލާނެ އެވެ.
އީސީން މިހާރު ތާވަލް ކޮށްފައިވާ ގޮތުން ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލާނީ އަންނަ މަހުގެ 3-11 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް