ކުރީގައި ރައްޓެހިވި ކުއްޖާ ސުވަރުގެއިން ލިބުން އެދުމަކީ ކޮންކަހަލަ ކަމެއްކަން އެނގޭތަ

އެމްވީ އިސްލާމް ކިޔު އޭ ގައި މީހަކު ކޮށްފައިވާ ސުވާލެކެވެ. ސުވާލު: "އަޅުގަނޑު އެންމެ ފުރަތަމަ ލޯބިވީ ކުއްޖާ ދިމާވި ކޮންމެވެސް ސަބަބަކާ ހުރެ އަޅުގަނޑާ ވަކިވެއްޖެއެވެ. އެހެން ނަމަވެސް އަޅުގަނޑުމެން އެކަ...

22 Feb 2021 | 08:33

އެމްވީ އިސްލާމް ކިޔު އޭ ގައި މީހަކު ކޮށްފައިވާ ސުވާލެކެވެ.

ސުވާލު:

"އަޅުގަނޑު އެންމެ ފުރަތަމަ ލޯބިވީ ކުއްޖާ ދިމާވި ކޮންމެވެސް ސަބަބަކާ ހުރެ އަޅުގަނޑާ ވަކިވެއްޖެއެވެ. އެހެން ނަމަވެސް އަޅުގަނޑުމެން އެކަކު އަނެކަކުދެކެ ރުޅިއައިސްގެން ނުތިބެމެވެ. އަބަދުވެސް އޭނާއަށް ރަޙްމަތް ލެއްވުން އެދި ﷲއަށް ދުޢާ ދަންނަވަމެވެ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާގޮތުން މިހާރު އޭނާ އުޅެނީ ވަރަށް ރަނގަޅު މީހަކާ ކައިވެނިކޮށްގެންނެވެ. އަދި ދެކުދިންވެސް އެބަތިއްބެވެ. އަޅުގަނޑު އެދެމީހުންނަށްވެސް އިޙްތިރާމް ކުރަމެވެ. އަޅުގަނޑުގެ ސުވާލަކީ ސުވަރުގެއިން މި އަންހެންކުއްޖާ އަޅުގަނޑަށް އަންބެއްގެ ގޮތުގައި ދެއްވުންއެދި ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވިދާނެތޯއެވެ؟"

އަދި މަތީގައި އެވާ ސުވާލަށް ޖަވާބުދެއްވަމުން އައްޝައިޙް އަޙްމަދު ސަމީރު އިބްރާހީމް ވިދާލުވެފައިވަނީ ތިރީގައި އެވާ ފަދައިންނެވެ.

ޖަވާބު:

"الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

އަޅުގަނޑު ތިޔަބޭފުޅާއަށް ނަޞޭޙަތްތެރި ވާނީ ތިޔަ ވިދާޅުވާ އަންހެން ކުއްޖާގެ ކަންތަކާ ޚިޔާލު ނުކުރުމެވެ. އެއީ މިހާރު މީހެއްގެ އަންބެކެވެ. އެއީ ތިބާއަށް ހިލޭ އަންހެނެކެވެ. ހިލޭ އަންހެނަކާ ރައްޓެހިވެ ހާލުބަލައި ޒިޔާރަތް ކޮށް ހެދުމަކީ ރަނގަޅުކަމެއް ނޫނެވެ. އަދި ކިއެއްތަ އެކަން ވެގެންދާނީ ނުބައި ކަމަކަށެވެ. ވީމާ އެކަން ހަދާން ނައްތާލައި ރަނގަޅު ދިރި އުޅުމަކާއިގެން ކުރިމަތި ލާށެވެ! އެއިރުން ސުވަރުގޭގައި މާތް ﷲ އެ އަންހެން ކުއްޖާއަށް ވުރެ މާ ރަނގަޅު ކުދިން ދެއްވާނެއެވެ. ތިޔަކަމާ އުޅެން ހަދައިގެން ދުނިޔޭގައިވެސް އަދި އާޚިރަތުގައި ވެސް ދެރަގޮތެއް މެދުވެރި ވެދާނެއެވެ. والله أعلم."

އެހެންކަމުން މި ޖަވާބުން އަހަރެމެންނަށް އެނގިގެންދަނީ މިހެއްގެ އަންބަކު ސުވަރުގެއިން ލިބުން އެދުމަށްވުރެން ތިމާގެ އަނބިމީހާ އަދި ޢާއިލާއަށްޓަކައި ހެޔޮ ދުޢާ ކުރުން މާ މޮޅު ހިތުރުވެގެންވާކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް