ދިވެހި އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި އޮންނަ އިތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ހަދަން އިންޑިއާ ސަރުކާރާއި ހަވާލު ކުރި މައްސަލައިގަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއެވެ. ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަތީ 51 މެމްބަރުންގެ ތާއީދާއި އެކު އެވެ.
ޝިޔާމް ހުށަހެޅުއްވި މައްސަލައިގަ ވިދާޅުވީ އިންޑިއާ އާއި އެކު ހެދި އެއްބަސްވުން ހާމަ ކުރަން ޖެހޭ ކަމަށެވެ. ޝިޔާމް ވިދާޅުވީ އަސްކަރިއްޔާތަކުގެ ދެމެދުގައި ހިނގާ މިފަދަ އެއްބަސްވުންތަކަކީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ރުހުން ދިނުމަށް ފަހު، ގާއިމް ކުރެވެން ޖެހޭނެ އެއްބަސްވުންތަކެއް ކަމަށެވެ.
ޝިޔާމްގެ މައްސަލައިގަ ބުނެފައިވަނީ މި އެއްބަސްވުން މަޖިލީހަށް ފޮނުވައި ދިރާސާ ކުރުމުގެ މަރުހަލާ ކުރިޔަށް ގެންދަން ޖެހޭ ކަމަށެވެ.
އެތަނުގައި ޑޯކްޔާޑާއި ބަނދަރު ހެދަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރީ އިއްޔެ އެވެ. މި މަޝްރޫއު އަކީ 2016 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމިން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރި ޑިފެންސް އެކްޝަން ޕްލޭންގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއު އެކެވެ.
އެކަމަކު ޔާމީން ސަރުކާރުގެ އެންމެ ފަހުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު މިއަދު ވިދާޅުވީ އުތުރުތިލަފަޅު އޮންނަ ސަރަހައްދަކީ ފައިދާތަކެއް އެތަން ތަރައްގީ ކޮށްގެން ދައުލަތަށް ލިބޭނެ ސަރަހައްދަކަށް ވާތީ ޔާމީން ނިންމަވާފައި އޮތީ އެއްވެސް ގައުމަކާއި އެތަން ތަރައްގީ ކުރަން ހަވާލު ނުކުރަން ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ބަދަލުގައި އޭރު ރައީސް ޔާމީންގެ ސަރުކާރުން މަޝްވަރާ ކުރުމަށް ފަހު ނިންމާފައި އޮތީ ސަރުކާރުގެ ވަސީލަތްތައް ބޭނުން ކޮށްގެން ސިފައިން އެތަން ތަރައްގީ ކުރާގޮތަށް ކަމަށެވެ.
އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން އުތުރުތިލަފަޅުގައި އިންޑިއާއިން ތަރައްގީ ކުރާނީ ޒަމާނީ، ނޭވަލް ބަދަރެކެވެ. އަދި ބަނދަރަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރާނެ އެވެ.
މީގެ އިތުރުން މުވާސަލާތީ ވަސީލަތްތަކާއި ރާޑަރުގެ ހިދުމަތްތައް ތަރައްގީ ކުރުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އިންޑިއާގެ ފަންނީ މާހިރުން ދިވެހިން ތަމްރީނުކޮށްދޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
މި މަޝްރޫއު ކުރިޔަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ތިން އަހަރުގެ ތެރޭގައި ތަން ތަރައްގީކޮށް، ނިންމައި ބަނދަރާއި ޑޮކްޔާޑު ހުޅުވަން އެއްބަސްވެފައިވާއިރު ޓެކްނިކަލް ސަޕޯޓު ބޭނުންވެއްޖެ ނަމަ، ބޭނުންވާ މިންވަރަކަށް ބޭނުންވާ ވަގުތެއްގައި ލިބޭނެ ކަމަށް އެއްބަސްވުމުގައިވެ އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ތަނުގައި އިންޑިއާގެ އަސްކަރީ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށެވެ. އެކަމަކު ތަން ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނީ އިންޑިއާ އިން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް