ކޯވިޑް-19 ވެކްސިން ދިނުމުގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެ އެވެ.
ފަގީރުކަމާއި ބަލިމަޑުކަމާއި ބެހޭ ގޮތުން ދިރާސާ އާއި ތަފާސްހިސާބުތައް އާއްމު ކުރާ "އަވާ ވޯލްޑް އިން ޑޭޓާ"ގެ ވެބްސައިޓުގައިވާ ގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ ކޮންމެ 100 މީހަކަށް ވެކްސިންގެ 12.9 ޑޯޒް ޖަހާފައިވެ އެވެ. އެ ސައިޓުގައި ހިމަނަނީ އާބާދީއަށް ބަލައި ވެކްސިން ޖަހާ ރޭޓު ކޮންމެ 100 މީހަކަށް 30 އާއި 10 ޑޯޒްއާ ދެމެދުގެ އަދަދަށް އަރާ ގައުމުތަކަށެވެ.
އެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ މިދިޔަ ހަފްތާގައިވެސް އެއްވަނައިގަ އޮތް އިޒްރާއީލް އެވެ. އެގައުމުގެ ކޮންމެ 100 މީހަކަށް ވެކްސިންގެ 82.4 ޑޯޒް ޖަހާފައިވެ އެވެ.
ލިސްޓުގެ ދެވަނަގައި އޮތް ސީޝެލްސްގެ ކޮންމެ 100 މީހަކަށް ޖެހި ވެކްސިންގެ މިންވަރު 62.39 އަށް އަރައެވެ. އަދި ތިންވަނަ ލިބިފައިވާ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކޮންމެ 100 މީހަކަށް ވެކްސިންގެ 56.15 ޑޯޒު ޖަހާފައިވެ އެވެ.
ދެން މި ލިސްޓުގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، އެމެރިކާ، ބަހުރެއިން، ޗިލީ، މަލްޓާ، އަދި ސާބިއާ ހިމެނެ އެވެ.
ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. އިއްޔެގެ ނިޔަލަށް ރާއްޖޭގައި 75،013 މީހުންނަށް ވެކްސިން ޖަހާފައިވެ އެވެ.
ރާއްޖޭގައި ބޭނުން ކުރަމުން ދަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މިހާރު ބޭނުން ކުރަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ 100،000 ޑޯޒް ވެކްސިނެވެ.
އެ ގައުމުން އިތުރު 100،000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިން މިދިޔަ ހޮނިހިރު ދުވަހު ހަދިޔާ ކޮށްފައިވާއިރު ޗައިނާއިން ކޯވިޑަށް ތައްޔާރުކޮށްފައިވާ ސިނޯފާމް ވެކްސިންގެ 10،000 ޑޯޒު ހެޔޮ އެދޭ ދެ ފަރާތަކުން ވަނީ ހަދިޔާ ކޮށްފައި އެވެ.
އަދި ޗައިނާ ސަރުކާރުން ވަނީ ރާއްޖެއަށް ސިނޯފާމް ވެކްސންގެ 100،000 ޑޯޒު ހަދިޔާ ކުރަން ނިންމާފައި އެވެ. އެކަމަކު މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަދި ނުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް