އުތުރުތިލަފަޅު ތަރައްގީ ކުރުމުގައި އެހެން ގައުމެއްގެ ބައިވެރިވުން ނޯންނާނެ ގޮތައް މަސައްކަތް ކުރިޔަށް ގެންދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޮތީ ނިންމާފައި ކަމަށް އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ފަހުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން އިއްޔެ ވަނީ އިންޑިއާ ސަރުކާރުގެ އެހީގައި އެތަނުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައި އެވެ. މި މަޝްރޫއު އަކީ 2016 ވަނަ އަހަރު ޔާމިން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރި ޑިފެންސް އެކްޝަން ޕްލޭންގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއު އެކެވެ.
މިއަދު އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުތުރުތިލަފަޅު ތަރައްގީ ކުރުމުގެ ޝައުގުވެރިކަން އިންޑިއާގެ އިތުރުން އެހެން ބައެއް ގައުމުތަކުން ފާޅު ކުރި ކަމަށެވެ. އެކަމަކު އުތުރުތިލަފަޅު އޮންނަ ސަރަހައްދަކީ ފައިދާތަކެއް އެތަން ތަރައްގީ ކޮށްގެން ދައުލަތަށް ލިބޭނެ ސަރަހައްދަކަށް ވާތީ ޔާމީން ނިންމެނީ އެއްވެސް ބަޔަކާއި ހަވާލު ނުކުރަން ކަމަށެވެ.
އޭނާ ވިދާޅުވީ އޭގެ ބަދަލުގައި އޭރު ރައީސް ޔާމީންގެ ސަރުކާރުން މަޝްވަރާ ކުރުމަށް ފަހު ނިންމާފައި އޮތީ ސަރުކާރުގެ ވަސީލަތްތައް ބޭނުން ކޮށްގެން ސިފައިން އެތަން ތަރައްގީ ކުރާގޮތަށް ކަމަށެވެ.
https://twitter.com/Adamshareefz/status/1363683982789857282
އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން އުތުރުތިލަފަޅުގައި އިންޑިއާއިން ތަރައްގީ ކުރާނީ ޒަމާނީ، ނޭވަލް ބަދަރެކެވެ. އަދި ބަނދަރަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރާނެ އެވެ.
މީގެ އިތުރުން މުވާސަލާތީ ވަސީލަތްތަކާއި ރާޑަރުގެ ހިދުމަތްތައް ތަރައްގީ ކުރުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އިންޑިއާގެ ފަންނީ މާހިރުން ދިވެހިން ތަމްރީނުކޮށްދޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
މި މަޝްރޫއު ކުރިޔަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ތިން އަހަރުގެ ތެރޭގައި ތަން ތަރައްގީކޮށް، ނިންމައި ބަނދަރާއި ޑޮކްޔާޑު ހުޅުވަން އެއްބަސްވެފައިވާއިރު ޓެކްނިކަލް ސަޕޯޓު ބޭނުންވެއްޖެ ނަމަ، ބޭނުންވާ މިންވަރަކަށް ބޭނުންވާ ވަގުތެއްގައި ލިބޭނެ ކަމަށް އެއްބަސްވުމުގައިވެ އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ތަނުގައި އިންޑިއާގެ އަސްކަރީ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށެވެ. އެކަމަކު ތަން ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނީ އިންޑިއާ އިން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް