ސީ ލައިފް ގްލޯބަލްއާ ހަވާލުކޮށްގެން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އަޅަން ހަވާލުކުރުމުން އެ ޔުނިޓްތައް ވިއްކުމުގެ ނަމުގައި އެތައް ސަތޭކަ ބައެއްގެ އަތުން ފައިސާ ނަގައި އަނބުރާ ނުދީ ފިލައިގެން އުޅެމުންދިޔަ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އަހްމަދު މޫސާ (އައްމަޓީ) ސްރީ ލަންކާއިން ހައްޔަރުކޮށްފިއެވެ.
މިކަން ފުލުހުން ވަނީ މީޑިއާގައި ކަށަވަރު ކޮށްދީފަ އެވެ. ފުލުހުން ބުނީ އޭނާ އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް އިންޓަޕޯލްއިން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
ސީލައިފް އިން ފްލެޓު ދޭނެ ކަމަށް ބުނެ 280 މީހަކު އަތުން އޭނާ ފައިސާ ހޯދާފައިވެ އެވެ. ކޮންމެ މީހެއްގެ އަތުން ބުކިން ފީ އެއްގެ ގޮތުގައި 50،000 ރުފިޔާ ނަގާފައިވާއިރު، އެ ފައިސާތައް ހިފައިގެން އޭނާ ވަނީ ފިލާފަ އެވެ.
މި ފްލެޓްތަކަށް ފުރަތަމަ ދައްކަން ޖެހޭ 20 ޕަސެންޓް ފައިސާ ދެއްކިއިރު ބައެއް ފަރާތްތަކުން ވަނީ ފުލް ޕޭމެންޓް ދައްކާފަ އެވެ. އެކަމަކު ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ނުދާތީ ދެއްކި ފައިސާ އަނބުރާ ހޯދަން އެ ފަރާތްތަކުން ސީލައިފްއާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފައިވެ އެވެ.
އޭނާ ހޯދުމަށް އިންޓަޕޯލްއިން 2019 ވަނަ އަހަރު ވަނީ ރެޑް ނޯޓިސް ވެސް ނެރެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް