އިޓާލިއަން ލީގު: މިލާން ބަލިކޮށް އިންޓައިން ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

އިޓާލިއަން ލީގުގައި ރޭ އޭސީ މިލާން އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅު އިންޓަ މިލާނުން ލީގުގެ އެއްވަނާގައި ހަމަ ޖެހިލައިފިއެވެ. އެޓީމުން ވަނީ ރޭގެ މޮޅާއި އެކު ތާވަލުގެ އެއްވަނާގައި ހަތަރު ޕޮއިންޓުގެ ލީޑެ...

22 Feb 2021 | 04:46

އިޓާލިއަން ލީގުގައި ރޭ އޭސީ މިލާން އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅު އިންޓަ މިލާނުން ލީގުގެ އެއްވަނާގައި ހަމަ ޖެހިލައިފިއެވެ. އެޓީމުން ވަނީ ރޭގެ މޮޅާއި އެކު ތާވަލުގެ އެއްވަނާގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

އޭސީ މިލާން އާއި ވާދަކޮށް ރޭގެ މެޗުން އިންޓަމިލާން މޮޅުވީ 0-3 ގެ ނަތީޖާއަކުންނެވެ.

ރަނގަޅު ކުޅުމެއް އިންޓަގެ ފަރާތުން ފެނިގެންދިޔައިރު، މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. އެގޮތުން އެޓީމުން މެޗުގެ ލީޑު ނެގީ މެޗުގެ ފަސްވަނަ މިނެޓުގައިއެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ލަޓާރޯ މާޓިނޭޒެވެ. މެޗުގެ ފުރަތަމަ 45 މިނެޓު ނިމުމުގެ ކުރިން މިލާންއަށް ވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ގޮސްފައެވެ.

އެއް ލަނޑުގެ ލީޑަކާއި އެކު އިންޓަމިލާނުން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، މި މެޗުގައި އިންޓައިން ލީޑު ފުޅާކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައެވެ. އިވާން ޕެރިސިޗް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މާޓީނޭޒެވެ. އިންޓަމިލާނުން މެޗުގައި ޖެހި ތިންވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 66 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮމެލޫ ލުކާކޫއެވެ.

ރޭގެ މި މޮޅާއި އެކު އިންޓަމިލާން އެއްވަނައިގައި އޮތީ ކުޅުނު 23 މެޗުން ލިބުނު 53 ޕޮއިންޓާއެކުއެވެ. އިންޓަމިލާން އަތުން ބަލިވި މިލާން ދެވަނައިގައި އޮތީ 23 މެޗުން ލިބުނު 49 ޕޮއިންޓާއި އެކުގައެވެ. އަދި ތިންވަނައިގައި ރޯމާ އާއި، ހަތަރުވަނައިގައި އޮތް އެޓަލާންޓާ އަދި ފަސްވަނައިގައި އޮތް ލާޒިއޯއަށް ލިބިފައިވަނީ 43 ޕޮއިންޓްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް