ސްޕެނިޝް ލީގުގައި ރޭ ކާޑިޒްއާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.
ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
ރޭ ކުޅުނު މެޗުގައި ބާސާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލިޑު ނެގީވެސް އެ ޓީމުންނެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ. މިއީ އޭރިއާ ތެރެއިން ބާސާގެ ޕެޑްރީއަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. މި މެޗުގައި ލަނޑު ޖެހުމާއެކު މެސީ މިހާރު ވަނީ ސްޕެނިޝް ލީގުގައި ތަފާތު 38 ކުލަބާ ދެކޮޅަށް ލަނޑު ޖަހާފައެވެ.
ރޭގެ މެޗަކީ ބާސާއަށް ލީގުގައި މެސީ ކުޅެދިން 506 ވަނަ މެޗައްވާއިރު، އޭނާ ވަނީ ލީގުގައި އެންމެ ގިނަ މެޗު ކުޅެދީގެން ބާސާގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ހަދާފައިވާ ރިކޯޑާއި އަރާ ހަމަކޮށްފައެވެ.
ރޭގެ މެޗުގައި ބާސާއިން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެޓީމަށް ކާޑިޒްގެ ގޯލު ފޫއަޅުވާލެވޭ ގޮތް ވަނީ ނުވެފައެވެ. އެހެން ނަމަވެސް ލީޑު ފުޅާކުރަން އެ ޓީމަށް ވަނީ ރަނގަޅު ހުސް ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން އޮސްމާނޭ ޑެމްބެލޭ އާއި މެސީއަށް ލިބުނު ރަނގަޅު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް މި ހަލާތަކުގެ ހުރަހަކަށްވީ ކާޑިޒްގެ ގޯލްކީޕަރެވެ.
ކާޑިޒްއިން މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ އެންމެ ފަހު ވަގުތު ކޮޅުގެތެރޭ ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސް ފެނާންޑޭޒްއެވެ. މިއީ އޭރިއާ ތެރެއިން ކާޑިޒްގެ ރުބެން ސޮބްރީނޯއަށް ބާސާގެ ޑިފެންޑަރު ކްލެމެންޓް ލޯންގްލޭ ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ.
ރޭގެ މެޗުން ލިބުނު ޕޮއިންޓާއި އެކު ބާސާ މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު 23 މެޗުން ލިބުނު 47 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެތްލެޓިކޯ އަށް ލިބިފައިވަނީ 23 މެޗުން 55 ޕޮއިންޓެވެ. އެތްލެޓިކޯވެސް ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ބަލިވެފައެވެ. ތާވަލުގެ ދެވަނާގައި 24 މެޗުން ލިބުނު 52 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑްއެވެ.
ލީގުގައި ބާސާ ދެން ނިކުންނާނީ އަމިއްލަ ދަނޑުގައި މިމަހުގެ 24 ވަނަ ދުވަހު ލެއްޗޭ އާއި ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް