ފްރެންޗް ލީގު: މޮނާކޯ އަތުން ވަރުގަދަ ޕީއެސްޖީ ބަލިވެއްޖެ

ފްރެންޗް ލީގުގައި ރޭ މޮނާކޯއާއި ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ބަލިވެއްޖެއެވެ. ރޭ މޮނާކޯއާއި ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުނ...

22 Feb 2021 | 04:08

ފްރެންޗް ލީގުގައި ރޭ މޮނާކޯއާއި ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ބަލިވެއްޖެއެވެ.

ރޭ މޮނާކޯއާއި ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު މޮނާކޯއިން ވަނީ ލަނޑުޖަހާ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަވަނަ މިނެޓުގައި ލަނޑުޖަހާ މޮނާކޯއިން ލީޑު ނަގާފައިވާއިރު،  އެ ޓީމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ސުފިއަން ޑިއޮޕެވެ. މި ލަނޑަށް ފަހުވެސް ނަތީޖާ އެއްވަރުކޮށްލަން ޕީއެސްޖީއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނަސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް ހިފޭގޮތް ވަނީ ނުވެފައެވެ.

މި ލަނޑާއި އެކު ލީޑުގައި އޮވެ މޮނާކޯއިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، އެޓީމުން ދެވަނަ ލަނޑުޖަހާ ލީޑު ފުޅާކުރީ ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ގިލޭމޯ މާރިޕަން ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި މެޗުގައި ރަނގަޅަށް ކުޅެ ޕީއެސްޖީން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އެޓީމަށް ވަނީ މޮނާކޯގެ ގޯލު ފޫއަޅުވާލެވޭ ގޮތް ނުވެފައެވެ. ރޭގެ މި ނަތީޖާއާއެކު ޕީއެސްޖީ އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު 26 މެޗުން ލިބުނު 54 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ލިލްއަށް 26 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ލިޔޯނަށް 26 މެޗުން ވަނީ 55 ޕޮއިންޓް ލިބިފައެވެ. އަދި ޕީއެސްޖީ ބަލިކުރި މޮނާކޯ އޮތީ ތާވަލުގެ ހަތަރުވަނައިގައި 26 މެޗުން 52 ޕޮއިންޓާއެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް