ދީނީ ވަހުދަތާއި ގައުމީ ރޫހު އާލާކޮށް ދިރުވުމަށް މަޝްރޫއެއް ފަށަނީ

ދީނީ ވަހުދަތާއި ގައުމީ ރޫހު އާލާކޮށް ދިރުވުމަށް ސަރުކާރުން އިސްނަގައިގެން މަޝްރޫއުއެއް ފަށަން ނިންމައިފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދިއުމަށް ސަރުކާރުގެ ވަޒީރުންގެ ތެރެއިން ހަތަރު މެންބަރުންގެ ކޮމީ...

22 Feb 2017 | 10:07

ދީނީ ވަހުދަތާއި ގައުމީ ރޫހު އާލާކޮށް ދިރުވުމަށް ސަރުކާރުން އިސްނަގައިގެން މަޝްރޫއުއެއް ފަށަން ނިންމައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދިއުމަށް ސަރުކާރުގެ ވަޒީރުންގެ ތެރެއިން ހަތަރު މެންބަރުންގެ ކޮމީޓއެއް އެކުލަވާލާފައި ވާއިރު އެ ބޭފުޅުންނާއި އެކު މަސައްކަތް ކުރުމަށް އެކި ދާއިރާތަކުން ހަ ބޭފުޅަކު މި ކޮމިޓީގައި ހިމެނެ އެވެ. މި ކޮމިޓީގައި ހިމެނިވަޑައިގެންނަވާ މިނިސްޓަރުންނަކީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި، ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި، އިސްލާކިމް މިނިސްޓަރު ޑރ މުހައްމަދު ޒިޔާދު ބާގިރު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު ޝިހާމެވެ.

މި ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ މި މަޝްރޫއު މާޗް އެއްވަނަ ދުވަހު ފަށަން ނިންމާފައިވާ ކަމަށެވެ. އާދަމް ޝަރީފު ވިދާޅުވީ ހަރުދަނާ ޖީލެއް ބިނާކުރަން، ކުރަން ޖެހޭ މަސައްކަތް އެ މަޝްރޫއުގެ ތެރޭގައި ދެނެގަނެ، އެކަންކަން ކުރިއަރުވަން މަސައްކަތް ކުރުމަކީ މައިގަނޑު މަގުސަދު ކަމަށެވެ.

މި މަޝްރޫއު ބޮޑަށް އަމާޒު ކުރެވިފައިވަނީ ސްކޫލް ކުދިންނަށާއި ޒުވާނުންނަށެވެ. އެގޮތުން އެ އުމުރުފުރާތަކުގެ ކުދިންނަށް އަމާޒުކޮށްގެން މަޝްވަރާތަކާއި ޕޯސްޓަރު ކުރެހުމާއި މަޒުމޫން ލިއުމުގެ މުބާާރާތާއި ތަމްސީލް ކުޅުން ފަދަ ކަންކަން ކުރިޔަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި މަޝްރޫއު މިއީ ދިގު މުއްދަތަކަށް ހިނގާނެ މަޝްރޫއެއް. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި މި އަމާޒުކުރަނީ މާޗް 1 އިން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ތިން އަހަރު ދުވަހުގެ މަޝްރޫއެއްގެ ގޮތުގައި،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މި މަޝްރޫއުގައި ކުރިޔަށް ގެންދާ ތައުލީމާ  ބެހޭ ހުރިހާ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދާނީ އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އަދި ދީނީ ޕްރޮގްރާމްތައް ކުރިޔަށް ގެންދާނީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް