ވޯކް ވިސާގައި ރާއްޖެއަށް އަންނަ ބިދޭސީންނާއި ވޯކް ވިސާގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް އްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެތެރެވެ އަދި ފުރޭނެ އިންތިޒާމް ހަމަޖައްސަން ފަށާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
ބައިނަލް އަގުވާމި ޝެޑިއުލް ދަތުރުތައް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފަށާފައިވަނީ މިދިޔަ ޑިސެމްބަރު އެކެއްގައި އެވެ. އޭގެ ކުރިން ޓޫރިސްޓުން ގެނައުމަށް ބައެއް ގައުމުތަކުން ޗާޓާޑް ފްލައިޓުތައް ބާއްވަ އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ބިދޭސީންނަށް ވޯކް ވިސާގައި ފުރާ އަދި އެތެރެވެނެ އިންތިޒާމްތައް ހަމަޖައްސައި އަންނަ މާޗު އެކަކުން ފެށިގެން އެހިދުމަތް ދޭން ފަށާނެކަމަށެވެ. އެ އިދާރާއިން ބުނީ އެކަން މިހާރު ވާނީ އެއާލައިންތަކަށްވެސް އަންގާފައި ކަމަށެވެ.
ޝެޑިއުލް ދަތުރުތައް ކުރި ނަމަވެސް އެ އެއާޕޯޓުން ފުރައި، ރާއްޖެއަށް އެތެރެވެވެނީ ދިވެހިންނަށާއި ޓޫރިސްޓު ވިސާގައި ރާއްޖެ އަންނަ ބިދޭސީންނަށް އެކަންޏެވެ. އިމިގްރޭޝަނުން ބުނީ މަސައްކަތް ކުރަން އަންނަ ބިދޭސީންނަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ ތިން މަހެއްހާ ދުވަހު އެތެރެވެ ނުފުރެނީ އިންތިޒާމްތައް ހަމަޖައްސައި ނުނިމޭތީ ކަމަށެވެ.
އެންމެ ފުރަތަމަ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ކުރަން އުޅޭކަން އިމިގްރޭޝަނަށް ގެނގުނީ ވެސް މީޑިއާއިން އެކަން ހާމަ ކުރުމުންނެވެ. އޭރު ބައިނަލް އަގުވާމީ ފްލައިޓްތަކުން އަންނަ މީހުންނަށް އިމިގްރޭޝަންގެ ކައުންޓަރުތަކުން އެތެރެވެވޭނެ އިންތިޒާމްތައް ހުރީ ހަމަނުޖައްސައެވެ.
އެހެންވެ ޝެޑިއުލް ފްލައިޓުތައް ދަތުރު ކުރަން ފެށުން ޖެހުނީ ލަސްކުރާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް