ފ. އަތޮޅު ވިއްކާލަން ގާނޫނަށް ބަދަލު ގެނައީ މެންބަރުންނަށް ބިރުދައްކައިގެން

ފ. އަތޮޅު ސައުދީ އަރަބިއްޔާގެ ރަސްގެފާނަށް ވިއްކާލަން ގާނޫނު އަސާސީއަށް ބަދަލު ގެނައީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބިރު ދައްކައިގެން ކަމަށް އެޕާޓީގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މ...

22 Feb 2017 | 08:55

ފ. އަތޮޅު ސައުދީ އަރަބިއްޔާގެ ރަސްގެފާނަށް ވިއްކާލަން ގާނޫނު އަސާސީއަށް ބަދަލު ގެނައީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބިރު ދައްކައިގެން ކަމަށް އެޕާޓީގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

މި ދުވަސްވަރު އެންމެ ހޫނުކޮށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަ އަކީ ފ. އަތޮޅު ސައުދީ ރަސްގެފާނަށް މި ސަރުކާރުން ވިއްކާލަން އުޅޭ ވާހަކަ އެވެ. އަދި އެކަމާ ގުޅޭގޮތުން ސަރުކާރުން އެއްޗެއް ނުބުނެ ހަމަހިމޭނުން އޮތުމުން އިދިކޮޅު ފަރާތްތަކުން ގެންދަނީ އެއީ ހަގީގަތެއް އެކުލެވޭ ވާހަކަތަކެއްކަމަށް ބުނަމުންނެވެ.

އިދިކޮޅު ފަރާތްތަކުން މިގޮތަށް ގޮވަމުން ދަނިކޮށް މުސްތަފާ ވަނީ އެއީ ތެދެއްކަން ހާމަވާ ފަދަ ގޮތަށް ޓުވީޓުތަކެއް ކުރައްވާފައި އެވެ.

މުސްތަފާ ވިދާޅުވެފައިވަނީ ފ. އަތޮޅު ވިއްކާލަން ނުވަތަ އިއުލާނު ނުކޮށް ރަށްތައް ވިއްކޭގޮތަށް ގާނޫނަށް ބަދަލުގެންނަން ވޯޓަށް އެހި ދުވަހު މެންދުރު 1:00 ހާއިރު ގުޅައި  58 މެންބަރަކަށް ބިރުދެއްކި ކަމަށެވެ. މުސްތަފާ ތުހުމަތު ކުރައްވާފައިވާގޮތަށް މެންބަރުންނަށް ސީދާ ބިރުދެއްކެވީ ކޮން ފަރާތަކުންނެއް ކަމެއް މުސްތަފާގެ ޓްވީޓުގައި ވިދާޅުވެފައެއް ނުވެއެވެ.

މުސްތަފާ ވިދާޅުވީ މި ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ކަމަށެވެ.

"ކޮންމެވެސް ދުވަހަކުން ކޮންމެވެސް ބަޔަކު މެންބަރުންނަށް ސީދާ ބިރުދެއްކި މައްސަލަ ހިފައިގެން ތެދުވާނެ. އަޅުގަނޑުމެން މަރުވެ ދިޔަޔަސް ގައުމު ދިރިއޮންނާނެ. ގާނޫނު އަސާސީ އާއި ގާނޫނުތައް މޮޑެގެން ގައުމަށް ލިބޭ ހުރިހާ ގެއްލުމެއްގެ ޒިންމާ އުފުލަން ޖެހޭ މީހަކީ މަގާމަށްޓަކައި ވިކި ހުސްވެފައި ހުރި މަޖިލީހުގެ ރައީސް،" މުސްތަފާ ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ރަށްތަށް އިއުލާނު ނުކޮށް ބޮޑު އަގުގައި ވިއްކާލެވޭގޮތަށް ގާނޫނަށް ގެނައި ބަދަލަކީ ޕީޕީއެމް ތެރޭގައި ހުޅު ރޯވެ ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫންގެ ފެކްޝަން އުފެދުނު ހިސާބެވެ. އެ އިސްލާހާއި ދެކޮޅަށް ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވޯޓު ދެއްވުމުން ވިޕްލައިނާ ހިލާފުވިކަމަށް ނިންމައި ރައީސް ޔާމީންގެ ފެކްޝަނުން ވަނީ އޭނާ ޕާޓީން ވަކި ކުރުމަށް ނިންމާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް