ޕާސްޕޯޓު ހިފެހެއްޓީ ކޮން ކުށެއްގައި ކީއްވެ ކަމެއް ނޭނގުނު: ޝިތާދާގެ ވަކީލު

އަދާލަތު ޕާޓީގެ ބައިނަލް އަގުވާމީ ގުޅުންތަކާއި ކޮމިޓީގެ ރައިސާ ޝިދާތާ ޝަރީފުގެ ޕާސްޕޯޓު ހިފެހެއްޓީ ކޮން ކުށެއްގައި ކަމެއް މިހާތަނަށް ކުރި މަސައްކަތުން ނޭނގުނު ކަމަށް އޭނާގެ ގާނޫނީ ވަކީލު ކެންދޫ ދާއިރާ...

22 Feb 2017 | 07:21

އަދާލަތު ޕާޓީގެ ބައިނަލް އަގުވާމީ ގުޅުންތަކާއި ކޮމިޓީގެ ރައިސާ ޝިދާތާ ޝަރީފުގެ ޕާސްޕޯޓު ހިފެހެއްޓީ ކޮން ކުށެއްގައި ކަމެއް މިހާތަނަށް ކުރި މަސައްކަތުން ނޭނގުނު ކަމަށް އޭނާގެ ގާނޫނީ ވަކީލު ކެންދޫ ދާއިރާގެ މެންބަރު އަލްއުސްތާޒު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ޝިދާތާގެ  ޕާސްޕޯޓު ހިފެހެއްޓީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެންނެވުމުންނެވެ. އަދިވެސް އޭނާގެ ޕާސްޕޯޓު އަނބުރާ ހަވާލެއް ނުކުރެ އެވެ.

ޝިދާތާ ގެ ގާނޫނީ ވަކީލު އަލީ ހުސައިން މިއަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ޕާސްޕޯޓު ހިފެހެއްޓި ދުވަހުން ފެށިގެން އެކި މުއްއަސާސަތަކަށް ސިޓީ ފޮނުވައިގެން ލިބުނު ޖަވާބުތަކަށް ބަލާއިރު ޝިދާތާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އެއްވެސް ސަބަބެއް ނެތި ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި ޕާސްޕޯޓު ހިފެހެއްޓި ދުވަހުވެސް ކޯޓު އަމުރު ލިޔުމުން ނުދައްކާ އިމިގްރޭޝަން އޮފިސަރުން ބުނެފައިވަނީ ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ ނަމްބަރު ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާސްޕޯޓު ހިފެހެއްޓި ސަބަބު އޮޅުންފިލުން ޝިދާތާ ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީގެ ޖަވާބުގައި ބުނެފައިވަނީ ކޯޓު އަމުރުނެރެފައިވަނީ ފުލުހުން ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން އަމުރަކަށް އެދުމުން ކަމަށެވެ. އެއީ ކޮން މައްސަލައެއްތޯ ބެލުމަށް ފުލުހުންގެ އިދާރާއަށް ކުށުގެ ރެކޯޑު ސާފު ކުރުމަށް ސިޓީ ހުށަހެޅުމުން ޖަވާބުގައި ބުނެފައިވަނީ ޝިދާތާގެ އެއްވެސް ކުށުގެ ރެކޯޑެއް ނެތް ކަމަށް ވަކީލު ވިދާޅުވި އެވެ.

"އިނގިރޭސިން އޮތީ އެއްވެސް ކުށުގެ ރެކޯޑެއް ނެތް ކަމަށް ޝިދާތާގެ. އެހެންވީމަ ނޭނގުނު ކޮން މައްސަލައެއްގައި ކަމެއް ޕާސްޕޯޓު މި ހިފެހެއްޓީ. ފުލުހުން އެއްވެސް މައްސަލައެއް ބަލަމުން ނުދާކަން ޕާސްޕޯޓު ހިފެހެއްޓި ދުވަހު އެއާޕޯޓުގައި ހުންނަ ޓޫރިސްޓު ޕޮލިހުންވެސް ޝިދާތާ ކައިރީގައި ބުނެފައި އޮތީ،" އަލީ ހުސައިން ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ޝިދާތާ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތި ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ބަންދެއްގައި ހުންނަތާ މިހާރު މަހެއްހާ ދުވަސް ވަނީ ކަމަށެވެ. އަދި މިކަމުގައި ޒިންމާވާނެ ދައުލަތުގެ އެއްވެސް އިދާރާއެއް ނެތުމަކީ ކަންބޮޑުވާ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގަ ޝިދާތާގެ ފަރާތުން މައްސަލަ ކޯޓަށް ވެއްދުމާއި ގުޅޭގޮތުން މާޝްވަރާ ކުރަމުންދާ ކަމަށް ޝިދާތާގެ ގާނޫނީ ވަކީލު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް