ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ޕާކިސްތާނުގައި 42 ނޫސްވެރިޔަކު މަރާލާފައިވާއިރު އެކަމުގެ ކަންބޮޑުވުން އެ ގައުމުގެ މިނިސްޓަރ ފޮރ ޕާލަމެންޓްރީ އެފެއާޒް މުރްތަޒާ ޖާވިދު އައްބާސީ، ފާޅުކޮށްފިއެވެ.
އޭނާ މިކަން ހާމަކުރަމުން ބުނެފައިވަނީ ފާއިތުވި ހަތަރު އަހަރުގެ ތަފާސްހިސާބަށް ބަލާއިރު ޕަންޖާބުން 15، ސިންދުން 11، ޚައިބަރުން 13 އަދި ބަލޮޗިސްތާނުން ތިން ނޫސްވެރިޔަކު މަރާލާފައިވެއެވެ. އެ ނޫސްވެރިން މަރާލާފައިވަނީ ބަޑިން ހަމަލާ ދީގެން ނޫން ނަމަ ޓާގެތްކޮށްގެން ދެވޭ ޓެރަރިސްޓް ހަމަލާތަކުގައިކަން އޭނާ ފާހަގަކޮށްފައިވެއެވެ.
މިނިސްޓަރު ޖާވިދު އައްބާސީގެ ކަންބޮޑުވުމަކީ ނޫސްވެރިންނަށް އެ ގައުމުގައި ހިމާޔަތް ނުދެވޭކަމުގެ ކަންބޮޑުވުމެވެ. އެގޮތުން އެ މައްސަލަތަކުގައި ހައްޔަރުކުރެވޭ ފަރާތްތައްވެސް ކޯޓު މަރުހަލާތަކުގައި ދޫވުމާއި، ހަމަލާ ދޭ ފަރާތްތައް އެނގި ތިބެވެސް ހައްޔަރު ނުކުރެވުމުގެ ކަންބޮޑުވުން އޭނާ އުފުލާފައިވެއެވެ.
ޕާކިސްތާނުގައި ނޫސްވެރިކަމަށް އަމާޒުކޮށް ހިންގޭ މިފަދަ ކަންކަމުގެ ސަބަބުން އެ ގައުމުގައި ފްރީޑަމް އޮފް އެކްޕްރެޝަން ރޭންކިން އަންނަނީ އަހަރަކަށްވުރެ އަހަރެއް ދަށަށް ދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް