އިންޑިއާގެ ޖައްމުއަށް ނިސްބަތްވާ އަންހެނަކު އިލެކްޓްރީޝަނެއްގެ މަސައްކަތް ކުރާތީ އޭނާއަށް ގިނަ ބަޔަކު ތައުރީފުކުރަމުން އެބަ ދެއެވެ.
އިންޑިއާގެ ބައެއް މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ޝަބްނަމް ނަމަކަށްކިޔާ މި ޒުވާން އަންހެން މީހާ ބުނެފައިވަނީ އާއްމުކޮށް ފިރިހެނުން ކޮށް އުޅޭ ފަދަ މަސައްކަތެއް ހިޔާރު ކުރީ އަންހެނުންނަށް ނުވާނެ ކަމެއް ނޯންނާނެކަމަށް ގަބޫލު ކުރެވިގެން ކަމަށާއި އަދި އާއިލާއަށް ދިމާވެފައިވާ މާލީ ހާލަތުންވެސް އަރައިގަތުމުގެ ނިޔަތުގައި ކަމަށެވެ.
ޖައްމު އަދި ކަޝްމީރުގައި ޝަބްނަމް ބޮޑު މަގްބޫލުކަމެއް ހޯދަމުން އަންނައިރު އޭނާ ގްރޭޑް 10 ނިންމީ އިންޑިއާގެ ސަރުކާރު ސްކޫލެއް ކަމުގައިވާ ހަޔަރ ސެކަންޑަރީ ސްކޫލް ކަލްހޯޓްރަން އިން 2013 ވަނަ އަހަރުގައެވެ. އަދި އެއަށްފަހު އިންޑިއާގެ ސްރީ ނަގަރު ޕޮލިޓެކްނިކް ކޮލެޖުން އިލެކްޓްރިޝަން ދާއިރާއިން ޑިޕްލޮމާ ހާސިލު ކުރިއެވެ.
ޝަބްނަމް ބުނެފައިވަނީ ކޮންމެ ދުވަހަކުވެސް މަސައްކަތް ހޯދަން ޖައްމު އަދި ކަޝްމީރުގެ ދޮރުން ދޮރަށް ހިނގަމުންގޮސް މިހާރު އޭނާއަކީ އެ ސަރަހައްދުގައި މަގްބޫލު އިލެކްޓްރީޝަނަކަށް ވެފައިވާކަމަށެވެ. އަދި އަދި މިހާރު މި މަސައްކަތުން އެކަށިގެންވާ އާމްދަނީއެއްވެސް ލިބެމުން އަންނަކަމަށެވެ.
ޝަބްނަމް ވަނީ އޭނާ އާއި ގާތް ރަހުމަތްތެރިންތަކަކާއެކު އިލެކްޓްރީޝަން ހިދުމަތް އެ ސަރަހައްދުގައި ދިނުމަށް ކުޑަ ވިޔަފާރިއެއްވެސް މިހާރު ފަށާފައެވެ. އަދި އުންމީދަކީ މަސައްކަތް އިތުރަށް ފުޅާކުރުން ކަމުގައި ޝަބްނަމް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް