ހަގީގަތް އޮޅުވާލަން އުޅުނަސް އެމްޑީޕީ އުފެއްދުމަށް ދެވަނައަށް ސޮއިކުރީ އަޅުގަނޑު: ރައީސް ސޯލިހް

ހަގީގަތް އޮޅުވާލަން ބަޔަކު މަސައްކަތްކުރިއަސް އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރި މީހުންގެ ލިސްޓުގައި ދެވަނައަށް އޮތީ އެ މަނިކުފާނުގެ ނަންފުޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމ...

22 Jan 2023 | 16:52

ހަގީގަތް އޮޅުވާލަން ބަޔަކު މަސައްކަތްކުރިއަސް އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރި މީހުންގެ ލިސްޓުގައި ދެވަނައަށް އޮތީ އެ މަނިކުފާނުގެ ނަންފުޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ގއ. ވިލިނގިއްޔަށް މިއަދު ހަވީރު ވަޑައިގެން އެރަށުގައި އެޕާޓީގެ މެންބަރުންނާއި އެކު ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ވިލިނގިލީގައި ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ބޯގަންވިލާ އިބްރާހިމް އިސްމާއިލް (އިބްރާ) ކަމަށާއި ބައެއް މީހުން ހަގީގަތް އޮޅުވާލަން އުޅުނަސް ސޮއިކުރި މީހުންގެ ލިސްޓުގައި ދެވަނައަށް އޮތީ އެ މަނިކުފާނުގެ ނަންފުޅު ކަމަށެވެ.

އަދި މިއަދު ވަކި ބޭފުޅެއްގެ ވަކި މަޤުސަދެއް ހާސިލް ކުރުމަށްޓަކައި އެމްޑީޕީއަށްޓަކާ ޤުރުބާންވީ މީހުންނާ ދިމާލަށް އެކުރި މަސައްކަތުގެ އަގުވަޒަން ނުކޮށް ބޭނުންހާ އެއްޗެއް ބޭނުން ގޮތަކަށް ކިޔުމަކީ ޕާޓީއަށް ފައިދާހުރި ގޮތެއް ނޫން ކަމަށް ރައީސް ޞާލިހް ވިދާޅުވެފައި ވެއެވެ.

މިގޮތުން އެމްޑީޕީ އުފެދިގެން އައީ އެތައް ބައެއްގެ ބުރަ މަސައްކަތުން ކަމަށާއި، އެއީ އެންމެ މީހެއްގެ އެކަނި މަސައްކަތެއް ނޫން ކަމަށް ރައީސް ޞާލިހް ވިދާޅުވެފައި ވެއެވެ.

މިއަދު ރާއްޖޭގަ އޮތް އެންމެ ތާއީދު ބޮޑު ޕާޓީއަށް އެމްޑީޕީ ވެގެންދިޔައީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއިން އެއްވެސް ބޭފުޅަކާއި ދިމާލަށް އެއްޗެއް ބުނެވިގެން ނުވާނޭ ކަމަށެވެ.

މިގެ އިތުރުން ރައީސް ޞާލިހް ވިދާޅުވީ އެމަނިކުފާނު ކުރިޔަށް ވަޑައިގަންނަވާނީ އެމްޑީޕީގެ ހުރިހާ ބޭފުޅުންނާއެކު ކަމަށާއި ވެރިކަން ކުރަންޖެހޭނީ އެންމެންނާއި ގުޅިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް