ހަތަރު ވަނަ "ސިވިލް ސަރވިސް ކޮންފަރެންސް" އަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ހަތަރު ވަނަ "ސިވިލް ސަރވިސް ކޮންފަރެންސް" އަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ސިވިލް ސާރވިސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އެ ކޮމިޝަނުން މިއަދު ބުނެފައިވާގޮތުގައި ދިވެހި ސިވިލް ސަރވިސް ޒަމާނީކޮށް ކުރިއ...

22 Jan 2023 | 16:07

ހަތަރު ވަނަ "ސިވިލް ސަރވިސް ކޮންފަރެންސް" އަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ސިވިލް ސާރވިސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އެ ކޮމިޝަނުން މިއަދު ބުނެފައިވާގޮތުގައި ދިވެހި ސިވިލް ސަރވިސް ޒަމާނީކޮށް ކުރިއެރުވުމަށް ބޭނުންވާ ޢިލްމީ އަދި ފަންނުވެރި ޚިޔާލާއި މަޢުލޫމާތު ހޯދުމުގެ މަޤްޞަދުގައާއި ދިވެހި ސިވިލް ސަރވިސްގެ ކަންކަމާގުޅޭ ގޮތުން މަޝްވަރާކޮށް، ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ހައްލު ހޯދައި ކުރިމަގަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ކޮންމެ ދެއަހަރަކުން އެއްއަހަރު ބޭއްވޭ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސްގެ ހަތަރު ވަނަ ކޮންފަރެންސް މި އަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 2023 އޮކްޓޫބަރު މަހުގެ 25 އިން 26 ގެ ނިޔަލަށް ކުރިއަށްގެންދެވޭ 2 ދުވަހުގެ މި ކޮންފަރެންސްގެ މިއަހަރުގެ މައިގަނޑު ޝިޢާރަކީ "ސްމާޓް ގަވަރނަންސް ފޯ ސިވިލް ސަރވިސް އެކްސެލެންސް" ކަމުގައި އެ ކޮމިޝަނުން ބުނެއެވެ.

މި ޝިޔާރުގެ ދަށުން ގުޅުންހުރި ހަތަރު ދާއިރާއަކުން ކަރުދާސް ހުށަހެޅުމަށް ސަބްތީމްތަކެއް ވަނީ ކަނޑައަޅާފައެވެ. ސަބްތީމްތަކުގެ ގޮތުގައި ކަނޑައެޅިފައިވާ ހަތަރު ޝިޢާރަކީ؛

  • ޑިޖިޓަލް ޓްރާންސްފޮމޭޝަން (ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި އޮފީހުގެ އެކިކަހަލަ މަސައްކަތްތަކާއި ޕްރޮސީޖަރތައް ބަދަލުކޮށް، ހަރުދަނާކުރުން)
  • ކޮވިޑް 19؛ ލެސަންސް ފޯ ޕޮލިސީ މޭކިންގ އިން ކްރައިސިސް (ކޮވިޑް 19 ގެ ހާލަތުން ނަގައިގަނެވޭ ފިލާވަޅުތައް)
  • ރެސްޕޮންސިވް އެންޑް އެކައުންޓަބަލް ސިވިލް ސަރވިސް (ރައްޔިތުންނަށް ފުރިހަމަ ޙިދުމަތެއް ފޯރުކޮށްދެވޭ ޒިންމާދާރު އަދި ޖަވާބުދާރީވެވޭ ސިވިލް ސަރވިސްއެއް ޤާއިމުކުރުން)
  • އެމްބެޑިންގ އަ ކަލްޗަރ އޮފް އެތިކްސް އެންޑް ވެލިއުޒް (ހަރުދަނާ އުސޫލްތަކާއި އަޚްލާގީ މިންގަނޑުތަކަށް ބިނާކޮށް މަސައްކަތުގެ ސަޤާފަތް ބައްޓަންކުރުން)

މި ކޮންފަރެންސްގައި ސިވިލް ސަރވިސްގެ އެންމެ އިސް ފަންތީގައި މަސައްކަތްކުރާ ފަރާތްތައް ބައިވެރިވުމަށްވަނީ ހަމަޖެހިފައިވާކަމަށާއި އެގޮތުން ޕަރމަނަންޓް ސެކްރެޓަރީންނާއި ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ހިމެނޭ ގޮތަށް 100 އަށްވުރެ ގިނަ ފަރާތްތަކުން މި ކޮންފަރެންސްގައި ބައިވެރިވުމަށް ހަމަޖެހިފައިވާކަމުގައި ސިވިލް ސަރވިސް ކޮމިޝަނުން ބުނެއެވެ. އަދި ސިވިލް ސަރވިސްއާއި ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ވެރިންގެ ގޮތުގައި ތިއްބަވާ ބައެއް ބޭފުޅުންވެސް މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވާނެކަމުގައި އެ ކޮމިޝަނުން ބުނެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވާގޮތުގައި މި ކޮންފަރެންސަށް ކަރުދާސް ހުށަހެޅުމަށް 2023 ޖަނަވަރީ 08 ގައި ވަނީ ހުޅުވާލެވިފައެވެ. ކޮންފަރެންސްގެ ތީމް އަދި ސަބްތީކްތަކާއި ގުޅުންހުރި ދިރާސާ ކަރުދާސް އަދި ކޮންސެޕްޓް ޕޭޕަރ ހުޅަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވިފައިވެއެވެ. އެގޮތުން ވަކިވަކި ފަރުދުންނަށް އަދި ގްރޫޕްކޮށް ( އެންމެ ގިނަވެގެން ހަތަރު މެންބަރުންގެ ގްރޫޕްތަކަށް) ވެސް ކަރުދާސް ހުށަހެޅިދާނެ އެވެ. ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަން ބޭނުންވާ ކަރުދާހުގެ އެބްސްޓްރެކްޓް ހުށަހެޅުމަށް ދެވިފައިވާ އެންމެ ފަހުގެ ތާރީޚަކީ 2023 މާރިޗު 08 ވާ ބުދަ ދުވަހެވެ. ކަރުދާސް ހުށަހެޅުމާއި ގުޅުންހުރި މައުލޫމާތު ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ވެބްސައިޓް (https://csti.gov.mv/v2/downloads/category/15) އިން ލިބިވަޑައިގަންނަވާނެކަމުގައިވެސް ސިވިލް ސަރވިސް ކޮމިޝަނުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް