އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭންގައި ބައިވެރިވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ދެންނެވުމަށްފަހުގައި ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވަމުން އަންނަ އަމްރު މިހެން ވިދާޅުވެފައި މި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ގދ. ތިނަދު އަށް ވަޑައިގެން އެ ޕާޓީގެ ބައެއް މެމްބަރުންނާ ވާހަކަފުޅު ދައްކަވަމުން ސަރުކާރުގެ އިސް މަގާމެއްގައި ހުރި ބޭފުޅެއްގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލެއްގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތައް ހުއްޓުމަކަށް ނާންނާނެ ކަމަށާއި އެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މިއަދު ވިދާޅުވެފައި ވާތީއެވެ.
އެގޮތުން މިކަމަށް އިޝާރަތް ކުރައްވާ އަމްރު ވިދާޅުވީ އޭނާ ޕްރައިމަރީ ކެމްޕެއިންގައި ރައީސް ނަޝީދަށް ތާއިދު ކުރެއްވި ސަބަބާއި، ތާއީދު ކޮށް ކެމްޕެއިނަށް ނިކުތުމުގެ ކުރިންވެސް ރައީސާއި މަޝްވަރާ ކޮށްފައިވާނެކަމަށެވެ.
އަދި ޕާޓީ އެތެރޭގެ އިންތިޚާބުގަ ގެންގުޅޭ ވިސްނުމުގެ ސަބަބުން އެސްޓީއޯ އިން ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް މަޑުޖެހުމެއް ނާންނާނެ ވާހަކަ ދަންނަވާފައި ވާނެ ކަމަށް އަމްރު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން އަމްރު ވިދާޅުވީ އެސްޓީއޯއިން ކުރަމުންދާ މަސައްކަތަކީ ޤައުމީ މަސައްކަތެއް ކަމަށާއި އެއީ ދިވެހި ރައްޔިތުންނަށް ދޭ ޚިދުމަތެއް ކަމަށާއި އެސްޓީއޯއިން ކުރަމުން ގެންދާ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ބާރަށް ކުރިޔަށް ދާނެ ކަމަށް އަމްރުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް