މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކޮށް އެކުލަވާލާ ރިޕޯޓު އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓް ހުށަނާޅާ މަޝްރޫޢުއެއް ކުރިއަށް ގެންގޮސްފައި ވާތީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ޖޫރިމަނާކޮށްފިއެވެ.
އީޕީއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހުރުއެޅި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އދ. ހުރުއެޅި (ރެޑިސަން ބްލޫ މޯލްޑިވްސް)ގެ ގޮނޑުދޮށް ހިމާޔަތް ކުރުން އީއައިއޭ ފުރިހަމަ ނުކޮށް ކުރިއަށް ގެންގޮސްފައި ވާތީ ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އީޕީއޭ އިން ހުރުއެޅި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކޮށްފައި މި ވަނީ އީއައިއޭ ރިޕޯޓު ހުށަނާޅާ ކުންފުނިތަކާ މެދު 2023 އެކެއް ޖަނަވަރީން ފެށިގެން ފިޔަވަޅު އަޅަން ފަށާނެކަން އަންގާ އިއުލާނު ކުރުމަށް ފަހުއެވެ.
އެގޮތުން އީޕީއޭ އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ހުރުއެޅި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އދ. ހުރުއެޅި (ރެޑިސަން ބްލޫ މޯލްޑިވްސް)ގެ ގޮނޑުދޮށް ހިމާޔަތް ކުރުން އީއައިއޭ ފުރިހަމަ ނުކޮށް ކުރިއަށް ގެންގޮސްފައިވާ ކަން ފާހަގަ ކުރެވިގެން އެ އެޖެންސީން އެކަން ބަލާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ރިޕޯޓެއް އެ އެޖެންސީއަށް ހިއްސާކޮށްދެއްވުމަށް އެދި 28 ނޮވެމްބަރު 2022 ގައި އެ ފަރާތުން ފޮނުވާފައިވާ އިންސިޑެންޓް ރިޕޯޓުގައި އދ. ހުރުއެޅި ބަނދަރު ތަރައްޤީ ކުރުމުގެ ތެރޭގައި 1055 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ކޮނެ، 1582 ކޮޑިމީޓަރުގެ ވެލި ނަގައި 60 މީޓަރުގެ ބަނދަރެއް ޤާއިމުކޮށްފައިވާ ކަމަށާއި މި މަސައްކަތުގައި ނެގުނު ވެލިތައް ބަނދަރާއި އިންވެގެން ބަނދަރުގެ ކީވޯލްގެ ފަހަތަށް އަޅާފައިވާ ކަމަށް ބަޔާންކޮށް ހުރުއެޅީގެ ބަނދަރުގެ މަސައްކަތްތައް 15 ޖުލައި 2022 ގައި ފަށައި 30 ސެޕްޓެމްބަރު 2022 ގައި ނިންމާފައިވާ ކަމަށް އިއުތިރާފުވެފައިވާ ކަމަށް އީޕީއޭއިން ބުނެފައި ވެއެވެ.
އެހެންކަމުން ހުރުއެޅި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އީއައިއޭ ފުރިހަމަ ނުކޮށް ކުރިއަށް ގެންގޮސްފައި ވާތީ 93/4 ގެ ދަށުން އީއައިއޭ ރިޕޯޓު ހެދުމުގެ ޤަވާއިދުގެ ދަށުން 20،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެފައި ވެއެވެ.
އަދި ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދުގެ ދަށުން 28،469،525.00 (އަށާވީސް މިލިއަން ހަތަރުލައްކަ ފަސްދޮޅަސް ނުވަ ހާސް ފައްސަތޭކަ ފަންސަވީސް) ރުފިޔާއިން ހުރުއެޅި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
މިގޮތުން އީޕީއޭއިން ބުނީ ހުރުއެޅި ޖޫރިމަނާކޮށްފައިވާ ޖުމްލަ އަދަދު ކަމަށްވާ 28،489.525 (އަށާވީސް މިލިއަން ހަތަރުލައްކަ އަށްޑިހަ ނުވަހާސް ފައްސަތޭކަ ފަންސަވީސް) ސަރުކާރު ބަންދު ދުވަސް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އީޕީއޭ އަށް ދެއްކުމަށް 19 ޖެނުއަރީ 2023 ގައި ހުރުއެޅި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަން އަންގާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް