92ވަނަ ފުރާވަރު ކޭމްޕު ލ. އަތޮޅުގައި ކުރިއަށް ގެންގޮސްފި

ސާނަވީ މަރުހަލާގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކުރިއަށް ގެންދާ ފުރާވަރު ކޭމްޕުގެ 92ވަނަ ކޭމްޕު ލ. ކުނަހަންދުއާއި މާމެންދޫ އަދި ހިތަދޫ ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންގޮސްފިއެވެ. ދިވެހ...

22 Jan 2023 | 11:36

ސާނަވީ މަރުހަލާގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކުރިއަށް ގެންދާ ފުރާވަރު ކޭމްޕުގެ 92ވަނަ ކޭމްޕު ލ. ކުނަހަންދުއާއި މާމެންދޫ އަދި ހިތަދޫ ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންގޮސްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން އިންތިޒާމްކޮށްގެން ލ. ހިތަދޫގައި މި މަހުގެ 19 އިން 21 ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި ދަރިވަރުންނަށް މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދީފައި ވެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނީ ކުށުގެ ނުރައްކަލުން ދުރުހެލިވެ ރައްކާތެރި މުޖުތަމައެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުން ބައްޓަންކުރަންވީ ގޮތާއި ޤައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި މުޖުތަމައަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް އޮޅުންފިލުވައި ދީފައިވާ ކަމަށެވެ.

އަދި އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ ކުށްތަކަކީ ކޮބައިކަން ބުނެދީ އެފަދަ ކުށްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ދަރިވަރުން މަސައްކަތް ކުރަންވީ ގޮތްތައް ބުނެދީފައިވާ ކަމަށާއި އިސްލާމީ މުޖުތަމައެއްގައި ހަރުދަނާ ރަށްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މައުލޫމާތު ދިނުމުގެ އިތުރުން މަދަރުސީ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މައުލޫމާތުދިނުމާއެކު ހުނަރުތައް ދަސްކޮށްދީފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ހަމަ އެހެންމެ ވަގުތުގެ މުހިންމުކަމާއި އަބަދުވެސް ގަޑިން ގަޑިއަށް ކަންތައްތައް ކުރުމަށް ބުނެދީފައިވެއެވެ.

މީގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރި ކުރުވައި އަމިއްލަ ސާފުތާހިރުކަމާއި ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން ބުނެދީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކުރެވޭ ކަންކަމާއި އެފަދަ ކަންކަމުން މުޖުތަމައު ރައްކާތެރިކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަމުގެ އިތުރުން ގަނާކުރުމުން ދުރުހެލިވެ ރައްކާތެރިވުމާއި އެފަދަ ކަންކަމުން އެހެން ކުދިންނަށް ކުރާނެ ނޭދެވޭ އަސަރުތައް ބުނެދީފައިވެއެވެ.

ކަންކަމުގައި އިސްނަގައިގެން ހަރަކާތްތެރިވުމަށް ބާރުއެޅުމާއި ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭ ކަންތައްތަކުގެ މައުލޫމާތު ވެސް ދީފައިވެއެވެ.

އަދި ދަރިވަރުންގެ ކިބައިގައި ގައުމީ ލޯބި އިތުރުކުރުމާއި ގައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަކާދަތަކަށް އަހުލުވެރިކުރުވައި، ގާނޫނާއި ގަވާއިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ.

ފުލުހުން ބުނީ ފުރާވަރު ކޭމްޕް 92 ގައި ދަރިވަރުންގެ އިތުރުން އެ ސްކޫލުތަކުގެ މުދައްރިސުންނާއި ބެލެނިވެރިންނަށްވެސް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެގޮތުން ސްކޫލް މާހައުލުގައި ދަރިވަރުންގެ އަހުލާގު ބައްޓަންކުރުމުގައި މުދައްރިސުންގެ ދައުރާއި ދަރިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި ކުނަހަންދޫ ސްކޫލް، މާމެންދޫ ސްކޫލު އަދި ހިތަދޫ ސްކޫލާއި އެ ރަށްރަށުގެ ކައުންސިލުތައް ގުޅިގެން ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި އެ ތިން ސްކޫލު ހިމެނޭހެން 59 އަންހެން ދަރިވަރުންނާއި 58 ފިރިހެން ދަރިވަރުން ބައިވެރިވި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް