ގއ. ވިލިނގިލީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 36 ރަބަރު ޕެކެޓާއެކު އެ ރަށުން މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނީ ގއ. ވިލިނގިލި އަދި އއ. ރަސްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށް އެ ދެ މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
އެ އޮޕަރޭޝަންތަކުގެ ތެރެއިން ވިލިނގިލީގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މީހަކު މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުން ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ހާމަކުރެއެވެ.
އެގޮތުން މި މަހުގެ 18 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 36 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.
މީގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނީ ރަސްދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
އަދި ރަސްދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މިމަހު 20 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 43 އަހަރުގެ މީހަކު އެރަށު ބަނދަރު ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް